ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އަހްމަދު ޝަފީގް (ޝައްޕެ)، އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީގެ ނައިބަކަށް ޝަފީގް އައްޔަނުކޮށްފައިވަނީ މިއަދު ރައީސް އަބްދުﷲ ޔާމީނެވެ.

އެމްޑީޕީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް އެންމެ ފުރަތަމަ ރާއްޖޭގައި ފަށައިގެން އައި އިރު އެ ޕާޓީގެ ހަރަކާތްތަކުން ޝަފީގު އައީ ގަވާއިދުން ބައިވެރިވަމުންނެވެ. އަދި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީން ހިންގި ގިނަ މަގުމަތީ ހަރަކާތްތަކަކުން ވެސް ޝަފީގު ވަނީ ފެނިގެން ގޮސްފައެވެ.

ސިޔާސީ މައިދާނުން ޝަފީގު ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު އޭނާ އަލުން ސިޔާސީ މައިދާނަށް މިއަހަރުގެ ކުރީ ކޮޅު އައިސްފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

ޝަފީގުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މަދަނީ އިއްތިހާދުގެ ރައީސް ޝައިހް މުހައްމަދު ދީދީ ވެސް އައްޔަނުކޮށްފައެވެ.