އިންޑޮނޭޝިއާގެ ޖަކާޓާއާއި ޕަލެންބޭންގްގައި އަންނަ އޮގަސްޓް މަހުގެ 18އިން ސެޕްޓެމްބަރު މަހުގެ ދެއަކަށް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ އޭޝިއަން ގޭމްސްގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ފަން ރަން މާދަމާ ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގެ އެކިއެކި ގައުމުތަކުގައި "ފަން ރަން" ބޭއްވުމަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއި އިންޑޮނޭޝިއާގެ އޭޝިއަން ގޭމްސް އޮގަނައިޒް ކުރާ ފަރާތުން ވަނީ ނިންމާފައެވެ.

މާދަމާ ބާއްވާ އޭޝިއަން ގޭމްސްގެ "ފަން ރަން"ގެ އިތުރުން ރާއްޖެއިން އޭޝިއަން ގޭމްސްއަށް ވަމުންދާ އެންމެފަހުގެ މައުލޫމާތު ދިނުމަށް މިއަދު އޮލިމްޕިކް ކޮމިޓީގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މީޑިއާ މެނޭޖަރު ޖިންސް ޖައުޖޭން ވިދާޅުވީ "ފަން ރަން"އަކީ އިޖުތިމާއީ ކުޅިވަރު އިވެންޓެއް ކަމަށާއި، 2006 ވަނަ އަހަރު ގަތަރުގެ ދޯހާގައި ބޭއްވި އޭޝިއަން ގޭމްސްއިން ފެށިގެންވެސް "ފަން ރަން" ބާއްވަމުން އަންނަ ކަމަށެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގެ ކުރިން 31 "ފަން ރަން" އޭޝިއާގެ އެކި ގައުމުތަކުގެ ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގައި މާދަމާ ބާއްވާނީ އެންމެ ފަހު ދުވުން ކަމަށްވެސް ޖިންސް ވިދާޅުވިއެވެ. "ފަން ރަން"އަކީ ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން އޮލިމްޕިކްސް އެތުލީޓުންނާއި، އޮލިމްޕިކްސްގެ މެޑަލް ހޯދައިފައިވާ އެތުލީޓުން އަދި ޕެރަ އޮލިމްޕިކްސް އެތުލީޓުންވެސް ބައިވެރިވާ ދުވުމެކެވެ.

ޖިންސް ވިދާޅުވީ މާދަމާގެ ދުވުމަކީ ވަރަށް ހާއްސަ ދުވުމެއް ކަމަށާއި، ދުވުން އެންމެ ކާމިޔާބުކަމާއެކު ނިމިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. "ފަން ރަން"އަކީ އޭޝިއަން ގޭމްސްއާއި އޮލިމްޕިކްސް މޫމަންޓް އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ އިވެންޓަކަށްވާ އިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޝިއަން އޮލިމްޕިކްސް ކައުންސިލްގެ ރައީސް އަހުމަދު އަލް ސަބާގެ ހާއްސަ މެސެޖެއްވެސް ވަނީ މީޑިއާއާ ހިއްސާ ކޮށްފައެވެ.

އޮލިމްޕިކްސް ކޮމިޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސްގެ ތެރެއިން ---

އެ މެސެޖު ހިއްސާ ކޮށްދިނީ ކައުންސިލްގެ ރައީސް، އަލް ސަބާގެ އޮފީހުގެ ފަރާތުން ވިސާމްއެވެ. މެސެޖުގައި ބުނެފައި ވަނީ އޭޝިއަން ގޭމްސްއަކީ ހަމައެކަނި މެޑަލްތަކެއް ލިބޭނެ މުބާރާތަކަށްވުރެ މާނަ ފުން މުބާރާތެއް ކަމަށެވެ. އެގޮތުން ކުޅިވަރުގެ ރޫހާއި އެކުވެރިކަން ބަދަހި ކުރުމަށް އޭޝިއަން ގޭމްސް މުހިއްމު ކަމަށްވެސް މެސެޖުގައިވެއެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި 10000 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، 45 ގައުމަކުން ވާދަކުރާއެވެ. ޖުމްލަ 40 ކުޅިވަރެއްގެ އިވެންޓްތައް ހިމެނޭ އިރު، 462 އިވެންޓެއް ކުރިއަށްދާނެއެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްއަކީ އިންޑޮނޭޝިއާގައި ހޯސްޓްކުރާ ދެވަނަ އޭޝިއަން ގޭމްސްއެވެ. މީގެކުރިން 1962 ވަނަ އަހަރުގައިވެސް އެގައުމުގައި އޭޝިއަން ގޭމްސް ހޯސްޓް ކޮށްފައިވެއެވެ.

އިންޑޮނޭޝީގެ އޮލިމްޕިކްސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ހެލެން ވިދާޅުވީ އޭޝިއަން ގޭމްސްއަކީ އޮލިމްޕިކްސް ގޭމްސްއާ ޖެހިގެން އެންމެ ބޮޑު މުބާރާތް ކަމަށާއި، މިފަހަރުގު ގޭމްސްއަށް ވަރަށް ބޮޑަށް އިންޑޮނޭޝިއާ ތައްޔާރުވެފައިވާ ކަމަށެވެ. "ފަން ރަން"ގެ ހާއްސަ ހަރަކާތްތަކާއެކު އޭޝިއަން ގޭމްސްއަށް އޭޝިއާގެ ގައުމުތަކުން ވަރަށް ބޮޑަށް ލޯ ހުޅުވިގެންދާ ކަމަށް ފާހަގަކުރައްވަމުން ހެލެން ވިދާޅުވީ، އޭޝިއަން ގޭމްސް ކުރިއަށްދާ ދުވަސްވަރު އިންޑޮނޭޝިއާއަށް ދިއުމަށް ދައުވަތު ދޭ ކަމަށެވެ.

އޮލިމްޕިކްސް ކޮމިޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސްގެ ތެރެއިން ---

ރާއްޖޭގައި ބާއްވާ "ފަން ރަން" މާދަމާ ހެނދުނު 7:00، ރަސްފަންނުން ފެށުމަށް ހަމަޖެހިފައިވާ އިރު، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހްމަދު ލަތީފު ވިދާޅުވީ ދުވުމުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި އެހެނިހެންވެސް ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. ހާއްސަ ރޫޓެއްގައި ދެ ކިލޯ މީޓަރު ދުވުމަށް ހަމެޖެހިފައިވާ އިރު، އެ ދުވުން ރަމްޒުކޮށްދެނީ ކުޅިވަރަށް ދެވޭ ލޯތްބާއި ދެވޭ ތަރުހީބު ކަމަށްވެސް ލަތީފު ފާހަގަކުރެއްވިއެވެ.

މާދަމާގެ "ފަން ރަން"ގެ އިތުރުން އޮލިމްޕިކް ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހު ގައުމީ ދަނޑުގައި ހާއްސަ ހަރަކާތްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވާ އިރު، ލަތީފު ވިދާޅުވީ އެ ދުވަހުގެ ހަރަކާތްތައް ދަނޑުގައި ފެށޭނީ ހެނދުނު 9:00ގައި ކަމަށެވެ.

މިއަދުގެ ޕްރެސްގައި އޭޝިއަން އޮލިމްޕިކްސް ކައުސިލުގެ ފަރާތުން ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީއަށް ހާއްސަ ރަމްޒީ ބެޖުތަކެއް އަރުވާފައިވާ އިރު، އިންޑޮނޭޝިއާގެ އޮލިމްޕިކްސް ކައުންސިލުން ވަނީ މިފަހަރު އޭޝިއަން ގޭމްސްގައި ބޭނުންކުރާ މެސްކޮޓްތައް ރާއްޖޭގެ އޮލިމްޕިކް ކައުސިލަށް އަރުވާފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އޭޝިއަން ގޭމްސްއަށްދާ ކޮންޓިޖެންޓްގެ ޝެފް ޑީ މިޝަން، އިބްރާހީމް ނާހިދުވެސް ވަނީ ބައިވެރިވެ ލައްވާފައެވެ.