މަތީސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ އިލްމީގޮތުން ގާބިލު ޒުވާން ޖީލެއް ބިލާކުރުމަށް، ދިވެހި ސަރުކާރުން ފެއްޓެވި ސްކޮލަރޝިޕް ސްކީމްގެ ދަށުން 36 ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

ތާޖުއްދީން ސްކޫލުގައި ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޮލަޝިޕް އެވޯޑްތައް ދަރިވަރުންނަށް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ހައި އެޗީވާސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވެނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީސީއީ އޭލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު،ނޮވެމްބަރު އަދި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު އިމްތިޙާނުތަކުން ފަސް މާއްދާއިން އޭ އަށްވުރެ މަތިން ހޯދާއިގެން 36 ދަރިވަރަކު ވަނީ ހައި އެޗީވާސް ސްކޮލަރޝިޕް އެވޯޑް ޙާޞިލުކޮށްފަ އެވެ.

އެ ސްކޮލާޝިޕު ހާސިލް ކުރި ކުދިންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާރކް ޤައުމުތަކުން ބޭނުން ގައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ޤައުމުތަކުން ބޭރު ގައުމެއްގައި ކިޔެވުމަށް ވެސް ހައި އެޗީވާސް ސްކޮލާޝިޕް އުޞޫލުގެ ދަށުން ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދޭ ކަމަށެެވެ.