ރޭ ކެނޯއެއްގައި ނުކުމެ ހުޅުމާލޭގައި އުތުރުފަރާތު ފަޅުގައި ދާ އަޅަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު މޫދުގައި މަރުވެ، ދެވަނަ މީހާ ކެނޯގައި ހާލު ދެރަވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ ރަތްވިލާގޭ މުހައްމަދު ސަމީރު 51، އެވެ. ހާލުދެރަވެފައި އޮއްވާ ފެނިގެން ސަލާމަތްކޮށްފައި ވަނީ ހަމައެރަށު އަލީސާ، އަލިމަނިކުފާނެވެ 59، އެވެ. އަލިމަނިކުފާނަކީ ހުޅުމާލޭ ފިހާރައެއްގައި އުޅޭ މީހެއް ކަމަށް ވެއެވެ.

ޝިޔާމް ވިދާޅުވީ ދާ އަޅަން އެ ދެ މީހުން އެރަށު އުތުރު ފަރާތު ފަޅުތެރެއަށް ނުކުތީ ރޭ މެންދަމު 3:00 ޖަހާއެހާކަންހާއިރު ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ ދިރިއޮއްވާ ފެނުނު މީހާ މެރިން ފުލުހުން ސަލާމާތްކޮށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެ މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު އެމީހާ އައިޖީއެމްއެޗަށް ވަނީ ގެނެސްފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުނީ ރޭ މެންދަމު އެ މީހުން ދާ އަޅަން ގޮސް ކެނޯގައި ފަޅަށް ނުކުތީ މޫސޫން ވަރަށް ގޯސްވެފައި އޮއްވާ ކަމަށާއި އެމީހުން ފަޅުތެރެއަށް ނުކުތްތާ ގިނައިރު ނުވެ ބޯކޮށް ވާރޭވެހި ކެނޯ ބަންޑުން ޖަހައިލައިގެން ، އެ ހާދިސާ ހިނގީ ކަމަށެވެ. އެމީހުންނާއެކު ތިން ވަނަ މީހަކުވެސް ދިޔަ ކަމަށާއި ވާރޭގަނޑު ވެހެން ފެށިއިރު އެމީހާ ހުރީ އެއްގަމުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްގަމުގައި ހުރި މީހާއަށް އެމީހުންނަށް ވީ ގޮތް ނޭނގުމުން ފުލުހުންނަށް އެންގީ ކަމަށް ވަނީ،" އޭނާ ބުންޏެވެ.