ވޮޝިންޓަން (ސެޕްޓެމްބަރ 14) : އެމެރިކާގެ ރައްޔިތުންގެ މެދުގައި ފަގީރުކަން އިތުރު ވަމުންދާކަން އެމެރިކާ ސަރުކާރުން ނެރުނު ރަސްމީ ތަފާސް ހިސާބުތަކަކުން ހާމަވެއްޖެއެވެ.

އާބާދީގެ ހިސާބުތަކާބެހޭ އެމެރިކާގެ އޮފީސް (ޔޫ.އެސް ސެންސަން ބިއުރޯ) އިން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ހާމަވާގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަގީރުންގެ ނިސްބަތްވަނީ 2009 އާއި 2010 އަކާ ދެމެދު 14.3 ޕަސެންޓުން 15.1 ޕަސެންޓަށް މައްޗަށް ގޮސްފައެވެ. މިގޮތުން 2010 ވަނަ އަހަރު އެމެރިކާގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 300 މިލިޔަން މީހުންގެ ތެރެއިން 46.2 މިލިޔަން މީހުންނަކީ ފަގީރުން ކަމަށާ މިއީ އެމެރިކާގައި މިހާތަނަށް ފަގީރުންގެ ޢަދަދު އެންމެ މައްޗަށް ދިޔަކަން ތަފާސް ހިސާބުތަކުން ހާމަވެގެންދިޔަ ފުރަތަމަފަހަރު ކަމަށް މިކަމާބެހޭ ލިޔެކިޔުންތައް ބުނެއެވެ.
ދިރިއުޅުމުގެ ބޭނުންތަކާއި ދިރިއުޅުމުގެ އަގުތައް އެމެރިކާގައި ހުންނަގޮތުން އަހަރަކު 11 ހާސް ޑޮލަރުގެ އާމްދަނީ ނުލިބޭ މަސައްކަތްކުރާ ޢުމުރުފުރާގެ ކޮންމެ މީހަކީ ފަގީރެކެވެ. ޢާއިލާތަކަށް ބަލާއިރު ހަތަރު މީހުންގެ ޢައިލާއަކަށް އަހަރަކު 14 ހާސް ޑޮލަރު ނުލިބޭނަމަ އެއީ ފަގީރު ޢާއިލާއެކެވެ. މިވަރުގެ އާމްދަނީއެއް ނުލިބި ކެއިން ބުއިމާއި ހިޔާވަހިކަމާއި ތައްލީމާއި ސިއްޙަތުފަދަ އިންސާނަކު ދިރިހުރުމަށް ބޭނުންވާ އަސާސީ ކަންތައްތައް އެންމެ އާދައިގެ ގޮތެއްގައިވެސް ނުފުއްދޭނެ ކަމަށް ފަގީރުކަމާބެހޭގޮތުން އެމެރިކާ އެކަށައަޅާފައިވާ މިންގަނޑު ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގައި ފަގީރުންގެ ޢަދަދާއި ފަގީރުކަމުގެ ނިސްބަތް މައްޗަށްދަނީ އެމެރިކާގެ އިޤްތިސާދު ބަލިކަށިވެ ވަޒީފާނެތް މީހުންގެ ޢަދަދު އިތުރުވަމުންދާތީއެވެ. އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާނެތް މީހުންގެ ނިސްބަތް އެމެރިކާގައިވަނީ ނުވަ ޕަސެންޓަށްވުރެ މަތީގައެވެ. އަދި އެމެރިކާގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 300 މިލިޔަން މީހުންގެ ތެރެއިން 50 މިލިޔަނަށްވުރެ ގިނަމީހުންނަކީ ހެލްތު އިންޝުއަރެންސްގެ ޙިމާޔަތް ނުލިބުމުގެ ސަބަބުން ބަލިތަކަށް ފަރުވާކުރުމުގެ ފުދުންތެރިކަންނެތް މީހުންނެވެ.

އެމެރިކާގައި ފަގީރުން އިތުރުވަމުންދަނީ އިޖްތިމާޢީ ޢަދާލަތު ގެއްލި ފަގީރުންނާއި މުއްސަނދިންގެ ތަފާތު ބޮޑުވެ އެމެރިކާގެ އިޤްތިސާދުގެ މައިތަނބުތައް މަދު ޢަދަދެއްގެ މުއްސަނދިންނާއި މޮނޮޕޮލައިޒް ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައިވުމުގެ ސަބަބުންނާއި ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ރޮއިޓާސް