12 Jul 2018, 14:58
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސީއެމްބިއުލެންސްއެއް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މިއަދު ހެނދުނު އެމްއެންޑީއެފްގެ ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ ލިޔުންތަކުގައި ރާއްޖޭގޭ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.
އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެ ޑޮކިޔުމެންޓްތަކުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ ވަފުދުގެ އިސްކޮށް ހުންނެވި ލެފްޓިނެންޓް ކާނަލް ޗެން ޒިއާއޯ އެވެ.

ޗައިނާ ސަރުކާރުން ސީ އެމްބިއުލެންސްއެއް ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްއިން ބުނީ 26 މީޓަރުގެ ދިގުމިން ހުންނަ އެ ސީ އެމްބިޔުލާންސް އަކީ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ގާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެއް ކަމަށެވެ.

ޗައިނާ ސަރުކާރުން ސީ އެމްބިއުލެންސްއެއް ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއެންޑީއެފް
އަދި އެ އުޅަނދުގައި ބައެއް ސްކޭން ހިދުމަތްތަކާއި، އީސީޖީގެ ޚިދުމަތާއި އައިވީގެ ހުރިހާ ފެސިލިޓީޒްއެއްގެ އިތުރުން އޮކްޖީސަން ދެވޭ ހިދުމަތްތައް ގާއިމްކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންނެވެ.
އެމްއެންޑީއެފުން ބުނީ އެ އުޅަނދު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށެވެ.