ކާބުލް (ސެޕްޓެމްބަރު 14) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭރު ޤައުމުތަކުގެ އެންބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަޙައްދަށް އިއްޔެ ހަވީރު ތާލިބުން ވަރުގަދަ ޙަމަލާތަކެއްދީފި އެވެ. ބަޑިއާއި އޮޓަމެޓިކް ހަތިޔާރާއި ރޮކެޓް ބޭނުންކޮށްގެން ތަލިބާނުން ދިން މިޙަމަލާތައް އެމެރިކާގެ އެންބަސީއަށާއި ނޭޓޯގެ ޢަސްކަރީ ހެޑްކްއާޓާއަށާއި އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާއަށް އެރިކަމަށް ކާބުލްގައި ތިއްބަވާ ބޭރުގެ މުރާސިލުން ހާމަކުރެއެވެ. އަފްޣާން ފުލުހުން ބުނިގޮތުގައި މިއީ ތާލިބާނުންދިން ކުއްލި ހަމަލާތަކެކެވެ.

ކާބުލްގައި ބޭރު ޤައުމުތަކުގެ އެންބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ޢަބްދުލްޙައްޤު ބުރުގެ ސަރަޙައްދަށާއި ވަޒީރު އަކްބަރުޚާން ސަރަޙައްދަށް ތާލިބާން ހަނގުރާމަވެރިން ވަދެގަތް ގޮތެއް ނޭންގޭ ކަމަށާއި ތާލިބާނުންގެ ކުއްލި ޙަމަލާތަކާއެކު ބޭރުގެ ޑިޕްލޮމެޓުންނާއި އެމީހުންގެ ޢައިލާތައް ޑިޕްލޮމެޓިކް މިޝަންތަކުގެ ބިމުގެ އަޑީގައިވާ ރައްކާތެރި ކޮޓަރިތަކަށްވަން ކަމަށް ޚަބަރުތައް ބުނެއެވެ.
ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީގެ ތަރްޖަމާނަކުވަނީ ތާލިބާނުންގެ ޙަމަލާތަކާއެކު އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢައިލާތައް ރައްކާތެރިތަންތަނަށްވަދެ ފިލިކަން ކަށަވަރު ކޮށްދީފައެވެ. މަންޒަރުދުށްމީހުން ބުނާގޮތުން ތާލިބާނުން ކުއްލިއަކަށް ހަމަލާތައް ދޭންފެށީ ކާބުލްގެ ޢަބްދުލްޙައްޤު ބުރު ސަރަޙައްދުގައި ހުންނަ ޢިމާރާތަކަށް ސިއްރިޔާތުގައިވަދެ އެޢިމާރާތުގައި ތިބެގެންނެވެ.

މިޙަމަލާތަކުގައި އަފްޣާން ފުލުހުންނާއި ތާލިބާން ހަނގުރާމަވެރިންގެ ބަޔަކު މަރުވިކަމަށާއި ބޭރުގެ އެއްވެސް ޑިޕްލޮމޭޓަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ޑިޕްލޮމޭޓުންނާިއ އެމީހުންގެ ޢާއިލާތަކަށް ކުއްލި ޝޮކެއް ލިބުނު ކަމަށް އަފްޣާން ފުލުހުން ބުނެއެވެ. ތާލިބާނުންގެ ތަރްޖަމާން ޛަބީޙުﷲ މުޖާހިދުވަނީ މިހަމަލާތަކުގެ އަމާޒަކީ އެމެރިކާގެ އެންބަސީއާއި އަފްޣާން ޖާސޫސީ އިދާރާއާއި ނޭޓޯގެ ކޮމާންޑިން ސެންޓަރު ކަމަށް ވިދާޅުވެފައެވެ.

ތާލިބާނުން މިޙަމަލާތައް ދީފައިވަނީ އަފްޣާނިސްތާނުގެ ވުރްދުކް ސްޓޭޓްގައި ބާރުގަދަ ގޮވުންތަކެއް ގޮއްވާލައި އެމެރިކާ ސިފައިންގެ 50 މީހުންނާއި ނޭޓޯގެ އެހެން ޤައުމުތަކުގެ ސާޅީހަކަށް މީހުން ޒަޚަމްކޮށްލިތާ 48 ގަޑީއިރު ތެރޭގައެވެ. މީގެއިތުރުން ތާލިބާނުންވަނީ މިދިޔަ މަހު ކާބުލްގައިހުންނަ އިނގިރޭސި ކޮންސިއުލޭޓަށް ހަމަލާދީ 9 މީހަކުވެސް މަރާލާފައެވެ.
-- ނޫސްއެޖެންސީތައް