12 Jul 2018, 11:38
ބްރެޒިލްގެ ތަރި ނޭމާއަށް ވޯލްޑް ކަޕްގައި އުންމީދު ކުރި ވަރަށް ނުކުޅެވޭ ކަމަށް ގައުމީ ޓީމުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.
ވޯލްޑް ކަޕަށް ބްރެޒިލުން ނުކުތީ ފެވަރިޓެއްގެ ގޮތުގައެވެ. ވޭތުވެދިޔަ ހަތަރު ވޯލްޑް ކަޕްގެ ފައިނަލަށްވެސް ބްރެޒިލް ދަތުރުކޮށްފައިނުވާ އިރު، މިފަހަރުގެ ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން ބަލިވެގެންނެވެ.
މުބާރާތުގެ ކުރިން ނޭމާގެ އަނިޔާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އިރު، އޭނާ އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕަށް ނުކުތީ ހަމަ ކިރިޔާއެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައިވެސް ނޭމާ ކުޅެފައިވާ އިރު، އޭނާއަށް އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ހާއްސަކޮށް ނޭމާގެ "ޑައިވް" ކުރުމާއި ބައެއް ހާލަތްތަކުގައި މަކަރު ހަދާކަމަށް ބުނެ މީޑިއާތަކުން އޭނާ އެކި ގޮތްގޮތަށް ސިފަކުރިއެވެ.
"ޓީމުގެ ތަރިއަކީ ނޭމާ. އެހެންވެ އުންމީދުތައް ގުޅިފައިވާ ކުޅުންތެރިއަކީ އޭނަ. ނޭމާއަށް އުންމީދު ކުރިވަރަށް ކުޅުމެއް ނުދެއްކުނު،" ބްރެޒިލާއެކު 2002 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ނޭމާ ދެއްކި ކުޅުމާއި އޭނާ ވޯލްޑް ކަޕްގެ ކުރިން ކުރި އޮޕަރޭޝަނާ ގުޅުމެއްވާ ކަމަށް ބުނަން ނޭނގޭ ކަމަށާއި، ދަނޑުމަތީގައި ނޭމާ ފެނުނީ ޖެހުލުންވެފައި ހުންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ނޭމާ އަވަހަށް ވެއްޓޭ ކަމަށް ބުނާ ވާހަކައާ ގުޅިގެންވެސް ރޮނާލްޑޯ ވަނީ ވާހަކަ ދައްކައިފައެވެ.
"ނޭމާ އަވަހަށް ވެއްޓޭ ސަބަބާ ގުޅިގެން އަހަރެން އޭނާއާ ވާހަކަ ދެއްކިން. ނޭމާ ބުނީ އަވަހަށް ވެއްޓެނީ ފައުލް ކުރާ ކުޅުންތެރިޔާއަށް އިތުރަށް އަނިޔާއެއް ނުދެވޭނެ ކަހަލަ ގޮތަކަށް ވިސްނާފައި ކަމަށް،" ރޮނާލްޑޯ ބުންޏެވެ.