ބޭންކޮކް (ޖުލައި 12): މިދިޔަ މަހު ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވިތާ 18 ދުވަސް ފަހުން ސަލާމަތް ކުރި 12 ކުދިންނާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު ހޮސްޕިޓަލުގައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފި އެވެ.

ތައިލޭންޑް ސަރުކާރުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުން އާއްމުކޮށްފައިވާ އެވީޑިއޯ އިން ފެނިގެންދަނީ ސާޖިކަލް މާސްކުތައް އަޅައިގެން ތިބި އެކުދިން އައިސޮލޭޝަން ވޯޑުގައި ބައިތިއްބާފައިވާ މަންޒަރެވެ. އަދި އެކުދިންގެ އާއިލާގެ ބައެއް މެމްބަރުން އެވޯޑުގެ ބޭރުގައި ތިބި މަންޒަރެވެ. އެވޯޑުގައި ހުންނަ ބިއްލޫރި ކުޑަދޮރަކުން އެކުދިންނަށް އާއިލާގެ މެމްބަރުން ފެންނަ ގޮތް ވަނީ ހަދާފައި އެވެ.

އެކުދިން ހޮހޮޅައިން ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އިސްކޮށް ހުންނެވި ނަރޮންގްސަކް އޮސަޓަނަކޯން ވިދާޅުވި ގޮތުގައި އެވީޑިއޯ އާއްމު ކުރީ އެކުދިން ހެޔޮ ހާލުގައި ތިބިކަން އެންމެންނަށް ޔަގީންކޮށް ދިނުމަށް ޓަކައި އެވެ.

"އަސްލު އަޅުގަނޑުމެން ބޭނުމެއް ނުވި އެވީޑިއޯ ދައްކާކަށް. ނަމަވެސް އެކުދިންގެ ހާލު ރަނގަޅު ކަމަށް ގިނަ މީހުންނަށް ގަބޫލު ނުކުރެވޭތީ [އެވީޑިއޯ] ދައްކަން ނިންމީ،" އޮސަޓަނަކޯން ވިދާޅުވި އެވެ.

އެކުދިންނަށް ފަރުވާ ދެމުންދާ ޗިއަންގް ރައިގެ ހޮސްޕިޓަލުން ބުނި ގޮތުގައި އެކުދިން ދޫކޮށްލާނީ މަދުވެގެން ހަތް ދުވަސް ފަހުންނެވެ. އެއީ އެކުދިންގެ ސިއްހަތު ރަނގަޅުތޯ ބެލުމަށްޓަކައި ގިނަ އަދަދެއްގެ ޓެސްޓުތައް ހަދައި، އެޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ.

މީގެ އިތުރުން، ހޮސްޕިޓަލުން ދޫކޮށްލުމުން އެކުދިންނަށް ފިޒިކަލް ރިހެބިލިޓޭޝަން ޓްރީޓްމެންޓު ދިނުމަށް ޓަކައި 30 ދުވަސް ވަންދެން ގޭގައި މަޑުކުރަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ތައިލޭންޑުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހޮހޮޅައިން ސަލާމަތް ކުރި ހުރިހާ ކުދިންގެ ވެސް ވައިޓް ބްލަޑް ސެލް ކައުންޓު އިތުރުވެފައި ވުމުން، އެކުދިންނަށް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެހެންކަމުން ހުރިހާ ކުދިންނަށް ވެސް ވަނީ އެންޓިބައޮޓިކްސް އާއި ތަފާތު ވެކްސިންތައް ދީފަ އެވެ.

މިދިޔަ މަހުގެ 23ގައި ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗު މިހަފްތާ ތެރޭގައި ހޮހޮޅައިން ސަލާމަތް ކުރީ ތިން ދުވަހުގެ މަސައްކަތުންނެވެ. އެކުދިން ހޮހޮޅައިގައި ތާށިވީ ވާރޭ ވެހުމުގެ ސަބަބުން ހޮހޮޅާގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

އެކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ތައިލޭންޑުގެ ނޭވީ ސީލްސް ވަނީ އޭގެ ތެރެއިން ކުއްޖަކު ހޮހޮޅައިން ނެރޭ މަންޒަރު ފެންނަވީޑިއޯއެއް ވެސް އިއްޔެ އާއްމުކޮށްފަ އެވެ.

އެއޮޕަރޭޝާނުގައި ހަރަކާތްތެރިވި ޑައިވަރުން ބުނި ގޮތުގައި އެކުދިން ހޮހޮޅައިން ބޭރަށް ނެރުނު އިރު، އެކުދިން ހާސްވުން ހުއްޓުވުމަށް ޓަކައި އެކުދިންނަށް ވަނީ ބޭސް ދީފަ އެވެ.

އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ އެކުދިން ސަލާމަތް ކުރުމާ ގުޅިގެން ތައިލޭންޑުގެ އިތުރުން މުޅި ދުނިޔެއިން ވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. (ގާޑިއަން)