11 Jul 2018, 15:53
ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރޭގައި ޓީމުތައް އައިސް ދައްކަމުންދާ ކުޅުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް އެޓީމުތަކުން ބޭނުންކުރާ ޑިފެންސިވް ޓެކްޓިކްސްއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ.
އަތޮޅު ތެރޭގެ ޓީމުތަކުން މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރާތަން ފެނިފައިވާ އިރު، ރޭ ފ. ނިލަންދުއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.
"ރާއްޖޭގެ ތާރީހު ދުތް އެންމެ ކާމިޔާބު އެއް ޓީމު. ރާއްޖޭގެ ތާރީހު ދުތް އެންމެ ކާމިޔާބު އެއް ކޯޗާ ދެކޮޅަށް ނުކުމެ، އަޅުގަނޑުމެން ޓީމުން ކުޅެގެން ޕޮއިންޓެއް ހޯދައިގެން މި ފޭބީ،" މެޗަށް ފަހު ނިލަންދޫގެ މެނޭޖަރު އަބްދުލް ހަލީމް ބުންޏެވެ.
ހަލީމް އިތުރަށް ބުނީ ރޭގެ މެޗުގައި ވިކްޓަރީއަށްވުރެ ރަނގަޅަށް ކުޅުނީ ނިލަންދޫން ކަމަށާއި، ލިބުނު ހަތަރު ވަރަކަށް ފުރުސަތުގެ ބޭނުން ކުރެވުނު ނަމަ މޮޅުވީސް ކަމަށެވެ.
ރޭގެ މެޗަށް ފަހު ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ ނިލަންދޫގެ ކުޅުމަށް ތައުރީފްކުރާ ކަމަށެވެ. ހާއްސަކޮށް ނިލަންދޫން އެޓޭކް ކުރަން މަސައްކަތް ކުރުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށާއި ވިކްޓަރީގެ ކުޅުންތެރިންގެ މަސައްކަތަށް އުފާކުރާ ކަމަށް ވެސް ކިސް ބުންޏެވެ.
ލީގުގައި ވިކްޓަރީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގަ އެވެ. ލީގުގެ ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިންވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. މިރޭގެ މެޗުން ނިލަންދުއަށް ލިބުނު ޕޮއިންޓަކީ އެޓީމަށް ލީގުގައި ހޯދުނު ފުރަތަމަ ޕޮއިންޓެވެ.