މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކާއި ދަތުރު ދިއުމަށްޓަކައި، ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ކ. ގަލުފަޅު ހިއްކުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭތޯ މަސައްކަތްކުރާ ކަމަށް އެ މަޝްރޫއު ހިންގާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނެފިއެވެ.

ކ. ގަލުފަޅު އޮންނަނީ މާލޭގެ ހުޅަނގު އުތުރުން، އަދި ކ. ފޭދޫފިނޮޅާއި ކ. ދޫނިދޫއާ ދެމެދުގައެވެ.

އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދު "ސަން"އަށް މިއަދު ވިދާޅުވީ، ގަލުފަޅު ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ އެކި މަސައްކަތް އެކި ކުންފުނިތަކާއި ފަރާތްތަކަށް ހަވާލުކޮށްގެން ކަމަށެވެ.

އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދު -- ސަން ފޮޓޯ: ފަޔާޒް މޫސާ

އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްދަނީ އެ ފަޅު ހިއްކާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު މި ހޯދަނީ ރެކްލެމޭޝަންގެ މަސައްކަތް ކުރާނެ ބައެއް. އަދި ވަކި ބައެއް ފައިނަލް ނުކުރަން. ދެ ތިން ފަރާތަކާ ވާހަކަދައްކަމުން މި ދަނީ،"

ޝާހިދު ވިދާޅުވީ ގަލުފަޅު ހިއްކާނެ ފަރާތެއް ކަނޑައަޅާހާ އަވަހަށް އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

އެމްއައިޓީޑީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލުފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށާއި، މަސައްކަތް ފަށާތާ ހަ މަސް ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެއިން ފުރައިގެން 15 މިނިޓު ތެރޭގައި ދެވޭ ގަލުފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑުގައި ވޯޓާސްޕޯޓްސް، ކެފޭ އަދި ރެސްޓޯރަންޓް، އެކޮމޮޑޭޝަން އަދި ބާބަކިއުއާއި އެހެނިހެން ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމު ކުރަން ހަމަޖެހިފައިވާ އިރު، އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ މިއިން ކޮންމެ ޚިދުމަތެއްވެސް ދޭން ހަވާލުކުރާނީ ތަފާތު ފަރާތްތަކާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހިއްކައިގެން ތަރައްގީކުރުމަށް ސަރުކާރުން ނިންމީ، މިސަރަހައްދުގައި ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރަމުން އައި ކ. ފޭދޫފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ނެވެ.

އޭގެ ކުރިން، ރައްޔިތުން ދަތުރުގޮސް އުޅުނު ރަށް ވެސް މިހާރު ވަނީ "މަލަހިނި ކުޑަބަނޑޮސް"ގެ ނަމުގައި، ރިސޯޓެއްގެ ގޮތުގައި ހުޅުވާފައެވެ.