ރައްކާވެ ތިބިއްޔާ ދަތުރެވެ! މިއީ އާންމު ހަމައިގައި އެންމެން ވެސް ގަބޫލު ކުރާ ކަމެކެވެ. އެހެން ނަމަވެސް ކަމެއް ވާން ވެއްޖެއްޔާ "ރިހޭ ފައި މައްޗަށް ފޮއި" ވެއްޓޭ ހެން ހުރިހައި ކަމެއް ބަދަލުވެގެން ދިއުމަކީ ވެސް ހަމަ ދުނިޔޭގެ ގާނޫނެވެ. ނަސީބާއި ބަދު ނަސީބަކީ ވެސް އޮންނަ އެއްޗެކެވެ. ނަސީބު އަތުގައި ހިފައިފައި ހުންނަ ދުވަސް ދުވަހު، މޫޖިޒާތް ކަހަލަ ގޮތްގޮތް މެދުވެރިވެގެން ވެސް ކަންތައްތަކުން ސަލާމަތް ވެފައި އެބަ ހުއްޓެވެ.

މިސާލަކަށް، މީހަކު ތަނަކަށް ދާން ވެގެން، ބަސްތަބަލަށް ދިޔައިރު، ބަސް ނައްޓާލައިފިއެވެ. އެހެން ނަމަވެސް ހަމަ އެ ވަގުތު ގާތް ރައްޓެއްސަކު ސައިކަލެއްގައި އައިސް މަޑު ކޮށްލައިފިއެވެ. އަދި ތިމާ ދާން ބޭނުން ތަނަށް ގަޑި ނުޖެހި ދިއުމުގެ ފުރުސަތު ތަނަވަސް ވެއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން އިވުނީ އެއްކަލަ ބަސް އެކްސިޑެންޓު ވީ ވާހަކައެވެ. މި ފަހަރު އޭނާ ސަލާމަތް ވެސް ވީއެވެ. އަދި ދާން ބޭނުންވާ ތަނަށް ގަޑި ނުޖެހި ދެވޭ ގޮތް ވެސް ވީއެވެ. އެހެން ނަމަވެސް ހަމަ އެހެން ދުވަހަކު، އޭނާ ހޭލައިގެން ބެލި އިރު، ހައްމާމުގައި މީހަކު އެބަ އުޅެއެވެ. އެހެންކަމުން ހައްމާމަށް ވަދެވުނީ ތަންކޮޅެއް ލަހުންނެވެ. އަލަމާރި ބަލާލިއިރު ހެދުން ހުރީ އިސްތިރި ކޮށްފައެއް ނޫނެވެ. އިސްތިރި ކޮށްގެން ހެދުން ލައިގެން ތިރިޔަށް ގޮސް ސައިކަލު އިސްޓާޓު ކުރަން އުޅެއުޅެ ސައިކަލު އިސްޓާޓެއް ނުވިއެވެ. ޓެކްސީ ސެންޓަރަކަށް ގުޅައިގެން ވެސް ކާރެއް ލިބުނީ ވަރަށް ގިނަ އިރުންނެވެ. ކާރަށް އަރައިގެން މާ ދުރަށް ނުދެވެނީސް ޓުރެފިކުގައި ޖެހިއްޖެއެވެ. ކުރަން ބޭނުންވި ކަންތައް ކުރެވޭ ގޮތެއް ނުތްވެވެ. މިއީ ވެސް ދުވަހެކެވެ.
~
ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ތިމާޔާ އެއްކޮޅަށް ވައި ޖެހޭ ދުވަސްދުވަހާއި ތިމާޔާ އިދިކޮޅަށް ވައި ހުންނަ ދުވަސްދުވަހާ ދިމާ ވާނެއެވެ. "ބަދު ނަސީބު" ކަންތައްތައް މެދުވެރި ވާން ފެށުމުން ބައެއް މީހުން ހަދާ ގޮތަކީ ގެއިން ނުނުކުމެ ރަޖާލައިގެން އޮންނަނީއެވެ. މި ގޮތަށް ގޭގައި އޮށޯވެގެން އޮއްވައި ވެސް "މަރުގެ ބާޒު" އައިސް ޖަހައިގަންނަން ވީމައި، ޖަހައިގަންނަނީއެވެ.

ބައެއް މީހުން ބުނާނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ވަރިހަމައެވެ. ދިމާ ވާން އޮންނަ ކަމެއް ދިމާ ވާނެއެވެ. އެހެން ނަމަވެސް ތާއޫނު ފެތުރިފައިވާ ރަށްރަށާ ކައިރި ނުވުމަށާއި ބަލިބައްޔަށް ބޭސްކުރުމަށް ދީނުގައި އިރުޝާދު ދެވިފައިވަނީ ކަމެއް ވެގެންތާއެވެ! ކޮންމެ ކަމެއްގައި ވެސް އުސޫލުތައް ކަނޑައެޅިފައި ހުންނަނީ، އާންމު ހާލަތަށް ރިއާޔަތް ކޮށްފައެވެ. އާންމުކޮށް ކަން ހިނގާ އުސޫލާ ހިލާފަށް ދިމާވާ ކަންކަމުގައި އޮންނާނީ ވަކީލު ކުރުމެވެ. އެހެނީ އެފަދަ ކަންކަމަކަށް ތިމާގެ ބާރެއް ނުހިނގާނެއެވެ. އެހެން ނަމަވެސް ތިމާގެ އިހުތިޔާރުގައި ވާ ކަންކަމުގައި ފަރުވާ ކުޑަކުރުމުގެ ބަހަނާއަކަށް، މިފަދަ ވާހަކަތައް ދެއްކުމަކީ ހިކުމަތްތެރިކަމުގެ ތެރެއިން ވާކަމެއް ނޫނެވެ. އަދި އެއީ ގަދަރުވެރީންގެ އަމަލެއް ވެސް ނުމެ ނޫންމެއެވެ.

ދުނިޔެއަށް އިންސާނާ ނޭވާލީއްސުރެ، އޭނާގެ އެންމެ ފަހު ނޭވާޔާ ހަމަޔަށް، ހިނގާ ހުރިހައި ކަމެއްމެ ހުންނަނީ އެއް ކަމަކާއި އަނެއްކަމަކާ ގުޅި ލާމެހިފައެވެ. އެހެން ނަމަވެސް މުޖުތަމައުގެ ތެރޭގައި މީހުން އެކަކު އަނެކަކާ ބައްދަލުވެ، ދެކެވޭ އާންމު ވާހަކަތައް ވެސް ބައެއް ފަހަރަށް ބައެއް މީހުންނަށް ފަހުން ހައިރާންކަން ލިބޭ ފަދަ ވާހަކަތަކަކަށްވެއެވެ. އެއީ ވެސް އެ ވާހަކައަށް ފަހު ދެން ހިނގާ ކަންތަކާ ގުޅިގެން އަންނަ ބަދަލެކެވެ. އެކަން އެހެން ގޮތަކަށް ހިނގި ނަމަ، އެ ވާހަކަ އެހެން ގޮތަކަށް ތަރުޖަމާ ކުރެވުނީހެވެ. ލަފްޒީ މާނަ އާއި ހާލަތާ ގުޅިގެން ދޭހަވާ މާނަ އާއި ތިމާއަށް ކުރީން ލިބިހުރި މައުލޫމާތެއްގެ ސަބަބުން ކުރެވޭ ތަރުޖަމާ އާއި ލަފްޒުތަކުން ކުރާ އަސަރު، ބިނާވެފައި އޮންނަނީ މިފަދަ އެތައް ކަމެއްގެ މައްޗަށެވެ.

އިންސާނާއަކީ ވާހަކަ އަޑު އަހާ ހިތްވާ މީހެކެވެ. ވާހަކަ ކިޔައިދޭ ހިތްވާ މީހެކެވެ. ބައެއް ފަހަރަށް ސީދާ ތެދަށް އޮލަނބަށް ހުންނަ ވާހަކަތަކަށް ވުރެ، ކަންފަތަށް ފަސޭހައީ ކުޑަކޮށް ކަތިކޮށް ހުންނަ ވާހަކައެވެ. އޮލަނބަށް ހުންނަ ތަންތަނުން ވެއްޓޭނީ ކުއްލިއަކަށެވެ. އޭރުން ލިބޭ ސިހުން ބޮޑުވާނެއެވެ. އެހެން ނަމަވެސް ކަތިކޮށް ހުންނަ ތަންތަނުން ފައިބައިގެން ދާއިރު، ލިބޭ ސިހުން ކުޑަވާނެއެވެ. އެހެން ކަމުން ކޮންމެ ފަދަ ހާދިސާއަކާ ގުޅިގެން ވެސް އެތައް ގޮތަކަށް ވާހަކަ ކިޔާ މީހުން ތިބޭނެއެވެ. އެކި މީހުން އެކި ގޮތަށް އެ ވާހަކަތައް ކިޔާ އަޑު އަހާ ހިތް ވުމަކީ ވެސް ތަބީއީ ކަމެކެވެ. އެހެން ނަމަވެސް ތިމާގެ ހިތްހަމަ ޖެހުމަށް، ތިމާގެ ހިތުގެ އެދުމަށް ހުރިހައި ކަމެއް ގެންދާން އުޅެފި ނަމަ ވަރަށް ހިތި ނަތީޖާއެއް ވެސް ނުކުމެދާނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ރައްކާތެރިވެ ތިބުމެވެ. އެއްވެސް މީހަކު މިކަމަކާ އިންކާރެއް ނުކުރާނެއެވެ. ވީމާ ނިންމައިލަމުން ވެސް ބުނަން ޖެހޭނީ މިހެންނެވެ. އާނއެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!