ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ގުޅުމުގެ ވާހަކަ އަކީ މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކައެވެ.

ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް، އެކުގައި ކައިވެނި ހަފްލާތަކުގައި ބައިވެރިވަމުން އަންނައިރު، ދެމީހުން އެންގޭޖުވެފައި ވާކަމަށް ވެސް ވާހަކަ ދެކެވެއެވެ.

ކޮންމެއަކަސް އެހާ ކުއްލި ގޮތަކަށް ދެމީހުން ޖޯޑަކަށް ވެގެންދިޔަ ގޮތް އެނގެން ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ. އަދި މިހާރު އެކްޓަރު-ޕްރޮޑިއުސަރު ޑުވޭން ޖޯންސަން ނުވަތަ "ދަ ރޮކް" މިވަނީ އެކަމުގެ ފަހަތުގައި އޭނާގެ އަތެއް ވާކަމަށް ބުނެފައެވެ.

ޑްވޭން ބުނީ ދެމީހުން ގުޅުވައިދިނީ އޭނާ ކަމަށެވެ. އަދި ދެމީހުން އުފަލުން ތިބި ނަމަ އެކަމުގެ "ކްރެޑިޓް" އޭނާ ނަގާނެ ކަމަށެވެ.

ޑްވޭން އެހެން ބުނެފައި ވާއިރު ޕްރިޔަންކާ ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ބޭވޮޗް" ގައި ޑްވޭން އާއެކު މަސައްކަތް ކޮށްފައެވެ. އަދި ޑްވޭންގެ ފިލްމު "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ގައި ނިކް ފެނިގެން ދިޔައެވެ.

ޑްވޭން ވަނީ ދެމީހުންނާ އެކު ވެސް އޭނާ މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ޕްރިޔަންކާއާއި ނިކް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންނެވެ. އަދި ނިކް ވަނީ ވަރަށް ފަހުން ޕްރިޔަންކާ އާއެކު އިންޑިއާ އަށް ވެސް ގޮސް، ޕްރިޔަންކާގެ އާއިލާ އާއި އެކުވެރިންނާ ބައްދަލުކޮށްފައެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ނިކް އަދި ޕްރިޔަންކާ ވެސް އެއްޗެއް ނުބުނެއެވެ.