11 Jul 2018, 00:55
ބެލްޖިއަމް ކަޓުވާލައި ފްރާންސުން ވޯލްޑް ކަޕް 2018ގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު ފްރާންސުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސެމިއުލް އުމިޓިޓީއެވެ.
މީގެ ކުރިން ބެލްޖިއަމް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅެފައި ވަނީ 32 އަހަރު ކުރިންނެވެ. 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި އެޓީމަށް ލިބުނީ ހަތަރު ވަނައެވެ.
ފްރާންސުން މިއަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތާރީހު އިޔާދަކުރުމަށެވެ. އެ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ނެގިފަހުން އެޓީމުން ވޯލްޑް ކަޕެއްގެ ފައިނަލް ކުޅުނީ 2006 ގައެވެ. އެ އަހަރު ވޯލްޑް ކަޕްގެ ފައިނަލުން އިޓަލީ އަތްދަށުވެ ފްރާންސަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނު އިރު، ފްރާންސްގެ ސްކޮޑަށް ބަލައި، އެޓީމަކީ މިއަހަރުގެ ފެވަރިޓެކެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުވެސް ވަރަށް ފޯރިގަދައެވެ. ދެ ޓީމުންވެސް އެޓޭކް ކުރަން ކުޅުނު އިރު، ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ. ދެ ފަހަރެއްގެ މަތިން ފްރާންސްގެ ކުރިއަށް ކުޅޭ 19 އަހަރުގެ ކިލިއަން އެމްބާޕޭގެ ނުރައްކާ ފެނިގެންދިޔަ ނަމަވެސް، ނުރައްކާތެރިކޮށް ފެނުނީ ބެލްޖިއަމްއެވެ.
ބެލްޖިއަމްއިން ފުރަތަމަ ހާފްގައި ކުރި ނުރައްކާތަކެއްގެ ބޮޑު ޕަސެންޓެއްގައި ހިއްސާ ވަނީ ކެޕްޓަން އެޑެން ހަޒާޑެވެ. އޭނާގެ ދެ ހަމަލާއެއް ފުރަތަމަ 20 މިނެޓުގައިވެސް ފެނިގެންދިޔައި އިރު، ފުރަތަމަ ހަމަލާ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ. ދެން ފޮނުވާލި ހަމަލާ، ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާންގެ ބޮލުގައި ޖެހިފައި ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ބެލްޖިއަމްއާއި ފްރާންސް ވާދަކުރި ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް --- ފޮޓޯ/ އޭޕީ
ފުރަތަމަ ހާފްގައި ފްރާންސްގެ ބްލެއިސް މަޓުއީޑީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާގެ އަތަށް ދިޔަ ނަމަވެސް، އަނެއްކޮޅުން ކެވިން ޑިބްރޭނާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ މަތަކުރުމަށް ހޫގޯ ލޮރިސް ޖެހުނީ ހުޝިޔާރުކަމާއެކު ޑައިވްކުރާށެވެ.
މެޗު ފެށުމުގެ ކުރިންވެސް ކީޕަރުންނަށް ސަމާލުކަން ހުއްޓިފައި އޮތް މެޗުގެ 39 ވަނަ މިނެޓުގައި ކޯޓުއާވެސް އޭނާގެ ފެންވަރު ދައްކާލިއެވެ. އެމްބާޕާގެ ބޯޅައަށް އޭރިއާ ތެރެއަށް ވަދެ، ބެންޖަމިން ޕަވާޑް ފޮނުވާލި ބާރު ހަމަލާ، ފައިން ޖައްސާ ބޭރުކޮށްލީ ޗެލްސީގެ ގޯލްކީޕަރު ކޯޓުއާއެވެ.
ދެވަނަ ހާފަށް ނުކުމެ ފްރާންސުން ބެލްޖިއަމް ސިއްސުވާލިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރު ބޮލުން ގޯލަށް ވައްދާލީ އުމިޓިޓީއެވެ. ފްރާންސުން މެޗުގެ ލީޑު ނެގިއެވެ.

ބެލްޖިއަމްއާއި ފްރާންސް ވާދަކުރި ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް --- ފޮޓޯ/ އޭޕީ
ފްރާންސުން ލީޑު ނެގުމަށްފަހު ވެސް ބެލްޖިއަމްއިން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދެއެވެ. އޭގެ ފަހުންވެސް ބެލްޖިއަމްއިން އެޓީމުގެ ކުޅުމުގެ ޓެކްޓިކްސް ހިފެހެއްޓިއެވެ. ހާއްސަކޮށް ހިތްވަރާއެކު ހަމަލާތައް އުފައްދަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ.
މަރުއާން ފެލައިނީ ބޮލުން ފޮނުވާލި ހަމަލާ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ބެލްޖިއަމްގެ ކޯޗު ރޯބާޓޯ މާޓިނޭޒް ވަނީ މެޗުގެ ފަހުކޮޅުގައި އެޓޭކް އިތުރަށް ވަރުގަދަކޮށްފައެވެ. މެދުތެރެއިން ކުޅެމުންދިޔަ މޫސާ ޑެންބޭލޭގެ ބަދަލުގައި ޑްރައިސް މާޓިންސް ކުޅެން ނެރުނު އިރު، ފެލައިނީގެ ބަދަލުގައި ޔެނިކް ކަރެސްކޯވެސް ވަނީ ކުޅެން ނުކުމެފައެވެ. މެޗުގެ އިތުރު ވަގުތުގައި މިޗީ ބަޓްސްޗުއާއީވެސް ވަނީ ކުޅެން ނުކުމެފައެވެ.
ފެލައިނީގެ ހަމަލާއަށްފަހު އެލެކްސް ވިޓްސެލްގެ ބާރު ހަމަލާއެއްވެސް ފެނިގެންދިޔައެވެ. ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓޮޓެންހަމްގެ ކީޕަރު، ފްރާންސްގެ ކެޕްޓަން، ލޮރިސްއެވެ.
ބެލްޖިއަމްގެ ކައުންޓާ އެޓޭކްތައް ހުއްޓުވުމުގައި ފްރާންސްގެ މެދުތެރޭގެ އިތުރުން ޑިފެންސް ލައިނުން މުހިއްމު ކުޅުމެއް ދައްކާފައިވާ އިރު، ސެންޓްރަލް ޑިފެންސަށް ކުޅެމުން ދިޔަ ރަފޭލް ވަރާންއާއި އުމިޓިޓީގެ ބާރު ދުވެލި ފާހަގަކޮށްލެވުނެވެ.
ބެލްޖިއަމްއިން ޓީމު އެއްކޮށް ކުރިއަށް ޖެހިގެން އެޓޭކް ކުރި އިރު، ފްރާންސުން ވަނީ ކައުންޓާ އެޓޭކް ކުރުމަށް ވިސްނާފައެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ކޮރެންޓިން ޓޮލީސޯއަށް ވަނީ ފްރާންސްގެ ލީޑު ފުޅާކުރުމަށް ފުރުސަތު ލިބިފައެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއަށް ވަދެ އެމްބާޕޭ އޭނާއަށް ދިން ބޯޅަ، ތިރިތިރީން ފޮނުވާލި ނަމަވެސް ކީޕަރު ކޯޓުއާ ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

ބެލްޖިއަމްއާއި ފްރާންސް ވާދަކުރި ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް --- ފޮޓޯ/ އޭޕީ
ބެލްޖިއަމްއަށް އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު އޮންނާނެއެވެ. އެ މެޗުގައި ވާދަކުރަން ޖެހޭނީ މާދަމާރޭ އޮންނަ ސެމީ ފައިނަލުން ބަލިވާ ޓީމަކާއެވެ. ފްރާންސުން ފައިނަލްގައި ވާދަކުރާނީ އިންގްލެންޑާއި ކްރޮއޭޝިއާ މާދަމާރޭ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.