10 Jul 2018, 21:48
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް 5000 ރުފިޔާއަށް އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.
މ. މުލީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީތަކުގައި ކޮންމެ ރަށެއްގައިހެން ނުކުޅެދޭ ކުދިންތަކެއް އެބަތިބި ކަމަށެވެ.
އެގޮތުން އެކި ކަންކަމުން އެކި ހިއްސުތަކުން މަހުރޫމްވެފައިވާ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ސަރުކާރުން އިސްކަންދީގެން ރާއްޖޭގެ ކުންފުނިތަކުން އަފަދަ ކުދިންނަށް އެހީވުމުގެ ގޮތުން ވަޒީފާތައް ދީފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން މުލަކަށް ވަޑައިގަތުން: ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ނުކުޅެދޭ ކުދިންނަށް އިތުރުކަންތައް ކޮށްދިނުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަށް ވަޒީފާގެ ފުރުސަތާއި ލޯނުލިބުމުގެ ފުރުސަތު މައިކްރޯ ފައިނޭންސިން ކްރެޑިޓް ސްކީމެއްގެ ދަށުން ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ބޭނުމަކަށް ވަނީ އެ ކުދިންނަކީ އަމިއްލައަށް މަސައްކަތްކޮށް އަމިއްލައަށް އާމްދަނީ ހޯދޭ ކުދިންތަކަކަށް ހެދުން. އަދި އެކަން ކުރެވެންދެން މިހާރު މިހިނގާ ސަރުކާރު ކުންފުނިތަކުން ވަޒީފާ ލިބުމުގެ އިތުރުން އެކަންވެސް ވާނެ އެކަން ނުލިބޭ ކުދިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް 5000ރުފިޔާ އަޅުގަނޑު ކަށަވަރު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.