13 Sep 2011, 18:01
ކ. ހުރާގައި ހިނގި ހާދިސާގައި އެ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވެ، ޕްރިންސިޕަލް އަވަހާރަވި ހާދިސާއާ ގުޅިގެން، އިތުރަށް އެފަދަ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އިމަޖެންސީގައި އަޅާނެ ފިޔަވަޅުތަކާއި، ކަންކުރާނެ ގޮތް ކަނޑައެޅުމަށް ފަސް ވަޒީރުންގެ ކޮމިޓީއެއް ހަމައްޖައްސައިފި އެވެ.
އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސާފައި ވަނީ ޑިފެންސް މިނިސްޓާ ޠަލްޙަތު އިބްރާހީމް ކަލޭފާނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ހޯމް މިނިސްޓަރު ހަސަން އަފީފާއި، ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި، ހައުސިން މިނިސްޓަރު މުޙަންމަދު އަސްލަމާއި އެޑިޔުކޭޝަން މިނިސްޓާ ޝިފާ މުޙަންމަދާއި، ހެލްތް އެންޑް ފެމިލީ ޑރ. އާމިނަތު ޖަމީލެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި ހަތަރު ދަރިވަރުން މަރުވި ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ތާނގައި އެފަދަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. މިގޮތުން، އެކިއެކި ހާދިސާތައް ހިނގުމުން، އަޅަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ދާއިރާތައް ގުޅިގެން، އަވަހަށް ވަގުތުން އެޅުމާއި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތުތަކުގައި އެކަމަށް ތައްޔާރުވާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވެވި އެވެ. އަވަސް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލައި އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވަޒީރުން މިއަދުގެ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މާނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި އެވެ. އެގޮތަށް ނިންމެވީ ޓްރުޒަމް އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.