ގއ. ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ "ސިންދޫރު- 2" ނަމަކަށް ކިޔާ މަސްބޯޓެއްގައި ތިބި ލަންކާ ހަތް މަސްވެރިއަކު ސިފައިން ސަލާމަތްކޮށްފިއެވެ.

މިއަދު ހެނދުނު 11:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެ ހަބަރު ލިބުމާއި އެކު ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފްއިން ބުނީ އެ އުޅަނދު ފެނިގެން ރިޕޯޓްކޮށްފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމަށެވެ.

ހާލުގައި ޖެހިފައިވާ މަސްބޯޓުގައި ތިބި މީހުނަށް ފެނާއި ކާބޯތަކެތި "ދިރުން" ދޯނިން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"ބޯޓުގައި ތިބި ހަތް މީހުންގެ ހާލު ވެސް ރަނގަޅު،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، "ބޯޓު ހާލުގައި ޖެހިފައިވަނީ އިންޖީނުގެ ބެޓެރީ ފެއިލްވެގެން" ކަމަށެވެ. އެ ބޯޓު ގދ. ތިނަދުއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.