ބޭންކޮކް (ޖުލައި 10): ތައިލޭންޑުގެ ހޮހޮޅައިގައި މިދިޔަ މަހު ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗާ ބެހޭ ގޮތުން ފިލްމެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ހޮލީވުޑުގެ ދެ ޕްރޮޑިއުސަރުން ބުނެފި އެވެ.

އެމެރިކާގެ ފިލްމު ކުންފުންޏެއް ކަމަށްވާ ޕިޔޯ ފްލިކްސްގެ މެނޭޖިން ޕާޓްނާ މައިކަލް ސްކޮޓް އާއި ކޯ-ޕްރޮޑިއުސާ އެޑަމް ސުމިތު ވަނީ ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށްޓަކައި ތައިލޭންޑަށް ގޮސްފައި އެވެ.

"އަހަންނަށް މިފިލްމު އެބަ ފެނޭ އޭ ލިސްޓު ސްޓާރުން ހިމެނޭ ހޮލީވުޑުގެ ބޮޑު ފިލްމެއްގެ ގޮތުގައި،" ސްކޮޓް ބުންޏެވެ.

މިދިޔަ މަހުގެ 23ގައި އެކުދިން ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ފަހުން ސްކޮޓް އާއި ސުމިތު ވަނީ އެހޮހޮޅައިގެ ކައިރީގައި ތިބި މީހުންނާ އިންޓަވިއު ކުރަން ފަށާފައި އެވެ.

އެ12 ކުދިންނާއި އެކުދިންގެ ކޯޗު މިހާރު ވަނީ ސަލާމަތްކަމާއެކު ހޮހޮޅައިން ނެރެފައި އެވެ. އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އެމެރިކާ، ޗައިނާ އަދި ޖަޕާންގެ މާހިރުން ބައިވެރިވެފައިވެ އެވެ.

ސްކޮޓް ބުނި ގޮތުގައި އެމީހުންގެ ފިލްމު ބިނާ ކުރާނީ އެކުދިން ހޮހޮޅައިގެ ތެރެއިން ފުރަތަމަ ހޯދި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށެވެ. އަދި އޭނާ އާއި ސުމިތު ދަނީ އެ 12 ކުދިންނާއި އެކުދިންގެ އާއިލާގެ އިތުރުން، ކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޑައިވަރުންނާ އިންޓަވިއު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެއެންމެންގެ ވާހަކަތަކަށް އެކްސްކުލޫސިވް ރައިޓްސް ހޯދުމާ ބެހޭ ގޮތުންވެސް ވިސްނަމުންދާ ކަމަށް ސްކޮޓް ބުންޏެވެ. ސުމިތު ބުނި ގޮތުގައި އެއީ ދުނިޔޭގެ އެތައް މިލިއަން މީހުންގެ ހިތް ދަމައިގަންނާނެ ފަދަ ވާހަކަތަކެކެވެ.

ސްކޮޓް ބުނި ގޮތުގައި އެފިލްމު ހެދުމަށް ސްކްރީންރައިޓާއެއް ލިބުމާއެކު ފިލްމު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ އެވެ.

ޕިޔޯ ފްލިކްސް އިން މިހާތަނަށް ހެދި އެންމެ މަޝްހޫރު ފިލްމަކީ 2014 ވަނަ އަހަރު ރިލީޒް ކުރި 'ގޯޑްސް ނޮޓް ޑެޑް' ކިޔާ ފިލްމެކެވެ. ދެމިލިއަން ޑޮލަރުގެ ބަޖެޓަކުން ޕްރޮޑިއުސް ކުރި އެފިލްމަށް ވަނީ 70 މިލިއަން ޑޮލަރު ލިބިފައި އެވެ.

ގާތްގަނޑަކަށް 18 ދުވަސް ފަހުން ތަމް ލުއަންގް ހޮހޮޅައިން ސަލާމަތް ކުރި ކުދިންނާއި އެކުދިންގެ ކޯޗަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭ ސަލާމަތް ކުރި އަށް ކުދިންގެ ހާލު ރަނގަޅު ކަމަށް ތައިލޭންޑުގެ ހެލްތް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައި އެވެ.