ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުންދާ މަސައްކަތަކާ ގުޅިގެން ގާނޫނީ ވަކީލުންގެ ޓީމަކުން ކޯޓަށް ވެއްދި މައްސަލަ ވަކިގޮތަކަށް ނިމެންދެން، ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން ހުއްޓާލުމަށް ސިވިލް ކޯޓުން ކުރި އަމަރު ހައި ކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސިވިލް ކޯޓުން ކުރި އަމަރު ޖޭއެސްސީން އިސްތިއުނާފު ކުރީ މިއަދު އެވެ. ހައި ކޯޓުން ބުނީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ޝެޑިއުލް ކުރާނެ ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.

ޖޭއެސްސީން ބުނީ ސިވިލް ކޯޓްގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ އެގޮތަށް ނިންމާފައިވާތީ ކަމަށެވެ.

ޖޭއެސްސީގެ ފަރާތުން ހައި ކޯޓްގައި ވަކާލާތު ކުރައްވާނީ މއ. އައިވަރީ ހައުސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ.

ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން ކޯޓްތަކަށް އައްޔަން ކުރުމަށް ގެންގުޅޭ އުސޫލީ މިންގަނޑުތަކާއި ދުސްތޫރީ އިމުގެ ބޭރުން ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް މައްސަލަ ވައްދާފައި ވަނީ 10 ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމަކުންނެވެ.

ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލައި އިންސާފުގެ ހަމަތަކާ އެއްގޮތް ވާގޮތުގެ މަތިން ކަނޑައަޅާ ގަވައިދެއްގެ ދަށުން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ކޮށްދެއްވުމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސަކަތުގައި ގާނޫނު އަސާސީއާއި ކަމާބެހޭ ގޮތުން ހެދިފައިވާ ގާނޫނުތަކާ ހިލާފަށް އެ ކޮމިޝަނުން މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.