ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

ރިޔާސީ ބަހުސް ބޭއްވުމަށް އެމްއެންޔޫއާއެކު ސޮއިކުރުމަށް މިއަދު ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ ކެންޑިޑޭޓުންގެ ބަހުސްގެ އިތުރުން ކެންޑިޑޭޓުން ހުށަހަޅާ މެނިފެންޓޯއަށްވެސް ވަކި ބަހުސެއް ބާއްވަން ހަމަ ޖައްސާފައިވާ ކަމަށެވެ.

އަަދި ރަނިންގ މޭޓްގެ ބަހުސެއްވެސް އޮންނާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން ރަނިންގް މޭޓްގެ ބަހުސް ސެޕްޓެމްބަރު ކުރީ ކޮޅު އަދި ކެންޑިޑޭޓުންގެ ބަހުސް އިންތިހާބު ފެށުމުގެ 10 ދުވަސް ކުރިން ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

މެނިފެންސްޓޯ ބަހުސް އޮންނާނީ ފެށޭ މަހުގެ ފަހު ކޮޅު ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

މީގެކުރިން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްތަކާ މިފަހަރުގެ ބަހުސާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. އެގޮތުން މިފަހަރުގެ ބަހުސް ވެގެން ދާނީ އިލްމީ އަދި ފަހުންވެސް މީހުން ދިރާސާ ކުރާ އޭގެން ފައިދާތަކެއް ކުރާނެ ބަހުސަކަށް ކަމަށް ޙަލީލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ރަސްމީކޮށް ބާއްވަނީ ދައުލަތުގެ މީޑިއާއިންނެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނު ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު ފަހުކޮޅު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.