10 Jul 2018, 15:49
އިނގިރޭސިވިލާތުގެ ޗެލްސީއާއި ލިވަޕޫލް އަދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފޯވަޑް ފެނާންޑޯ ޓޯރޭސް، ޖަޕާންގެ ކްލަބެއް ކަމަށްވާ ސަގަން ޓޮސޫއަށް ސޮއިކޮށްފި އެވެ.
މިދިޔަ ތިން ސީޒަންގައިވެސް އޭނާގެ "ހޯމް ކްލަބު" އެތުލެޓިކޯ މެޑްރިޑްގައި ހޭދަކުރި ޓޯރޭސް އެ ކްލަބާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވީ މި ސީޒަންގެ ނިޔަލަށެވެ.
ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އިތުރަށް އާ ނުކުރުމަށް ޓޯރޭސް ނިންމާފައިވާ އިރު، އޭނާ ބުނެފައި ވަނީ ބޭނުން ވަނީ މުޅިން އާ ޗެލެންޖެއް ކަމަށެވެ.
އެތުލެޓިކޯއިން ސީނިއާ ކެރިއަރު ފެށި ޓޯރޭސް ވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އޭގެ ފަހުން ލިވަޕޫލްގައި ވިދާލާ ބެލޮންޑިއޯގެ ގަދަ ތިނަކަށް ވެސް ނޮމިނޭޓްވި ޓޯރޭސް، ޗެލްސީއަށް ބަދަލުވެ، އެޓީމާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އެވެ. އަދި އޭގެ ފަހުން ޓޯރޭސް ވަނީ އޭސީ މިލާންއަށް ވެސް ކުޅެފަ އެވެ.
ގައުމީ ޓީމާ އެކު ވޯލްޑް ކަޕާއި ޔޫރޯ ވެސް ކާމިޔާބުކޮށްފައިވާ ޓޯރޭސް ވަނީ އޭނާގެ ކްލަބު ކެރިއަރުގައި 700 އަށްވުރެ ގިނަ މެޗު ކުޅެ 250އަށް ވުރެ ގިނަ ގޯލްވެސް ޖަހައިފަ އެވެ. އަދި ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗުގައި ވެސް ކުޅެފަ އެވެ.
ސަގަން ޓޮސޫއަށް ސޮއިކުރުމަށް ފަހު ޓޯރޭސް ބުނެފައި ވަނީ ޖަރުމަނާއި ފްރާންސްގެ އިތުރުން ސްޕެއިންއިން ވެސް އޭނާއަށް ހުށަހެޅުންތައް ލިބުނު ނަމަވެސް، އެތުލެޓިކޯގެ އިތުރުން ޔޫރަޕްގެ އެހެން ކްލަބަކަށް ކުޅެން އޭނާ ބޭނުން ނުވީ ކަމަށެވެ. ޖަޕާނަކީ މުޅިން އާ ޗެލެއްޖެއް ކަމަށް ބުނަމުން ޓޯރޭސް ބުނެފައި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ޕްރި ސީޒަންގައި އެތުލެޓިކޯ އިން ޖަޕާނަށް ދަތުރެއް ކޮށްފައިވާ އިރު، ޓޮރެސް ވަނީ ސަގަން ޓޮސޫއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ވެސް ކުޅެފަ އެވެ.