10 Jul 2018, 15:46
ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދަން އެތެރެވަރީގެ ގައުމުތަކަށް ބޭސްފަރުވާއަށް ދާ ދިޔުން ހުއްޓާލަން ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިއަދު ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ދިވެހިންނަށް ބޭނުންވާ ބޭސްފަރުވާ ގާއިމު ކުރުމަށް ރައުސުލްމާލު އެބަހުރި ކަމަށެވެ. އެހެންވީމާ "އެތެރެވަރީގެ ރަށްރަށް ބޭހަށް ދާކަށް ނުޖެހޭ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލު ގާއިމް ކުރަނީ އެހެންވެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ހޮސްޕިޓަލަކީ މަލްޓި ޕާޕާސް މަލްޓި ސްޕެޝިއަލިޓީ ހޮސްޕިޓަލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދަރުމަވަންތަ ހޮސްޕިޓަލު ނިމިގެން އޭގެ ފަރުވާ ލިބިގެންދާއިރު އަޅުގަނޑު ހަމަ ދަންނަވާނީ ދިވެހި ރައްޔިތުންނޭ އަވައްޓެރި ގައުމުތަކަކަށް އަޅުގަނޑުމެން ބޭސްފަރުވާއަކަށް ދާކަށް ނުޖެހޭނެޔޭ އިރާދަކުރެއްވިއްޔާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ތަރައްގީކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަރުމަވަންތަ ހޮސްޕިޓަލު ނިމިގެންދާ އިރު ހާއްސަ ފަންނުތަކުގެ އެކި އެކި ކްލިނިކްތައް ހުންނާނެ ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސިއްހީ ދާއިރާއާ މެދު ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވެގެންދާ އިރު "ސިއްހީ ދާއިރާ އައިސީޔޫއަކު ނޯންނާނެ" ކަމަށެވެ.
"ސިއްހީ ދާއިރާގައި އެކަމަކު އައިސީޔޫގެ ވަރަށް ބައިވަރު ޔުނިޓްތަކެއް ހެދިގެންދާނެ. އަދި ރާއްޖެ އިން މީގެއް ދުވަހަކު ނުދެވޭ އެތައް ހާއްސަ ފަންނުތަކުގެ ޑިޕާޓްމެންޓްތައް އެހުރީ އުފެދިގެން ގޮސްފައި." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ މެނިފެސްޓޯގައި އަތޮޅުތަކުގެ ސިއްހީ ހިދުމަތް ކުރި އެރުވުމަށް ބައިތައް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލުތަކާއި ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޒުވާން އުމުރުގައި ދިމާވާ ގިނަ މައްސަލަތަކަކީ ކުޅިވަރުގެ ތެރޭގައި ދިމާވާ މައްސަލަތަކަކަށް ވާތީ ޒުވާނުންނަށް އަތޮޅުތަކާއި ސަރަހައްދީ ހޮސްޕިޓަލުތަކުގައި ފިސިއޮތެރަޕީ ޑިޕާޓްމެންޓްތައް ރަނގަޅު ފެންވަރަކަށް ގާއިމްކޮށް ފިސިއޮތެރަޕީގެ ހިދުމަތް ދެއްވަން ފައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ދެން އެންމެ މުހިންމު ކަމަކަށް ވާނީ ޒުވާނުންނަށް މި ލިބޭ އަނިޔާއަށް ފަރުވާ ހޯދާކަށެއް މާލެއަކަށް އަންނާކަށް ނުޖެހޭނެ. އަޅުގަނޑުމެން ބަލާނަން ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފިސިއޮތެރަޕީ ސްޕޯޓްސް ޑިޕާޓްމެންޓުތައް މި ދެންނެވި ސަރަހައްދީ ހޮސްޕިޓަލުތަކުގައި ގާއިމް ކުރެވޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މ. މުލަކަށް މިއަދު ރައީސް ޔާމީން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ޗައިޑް ކެއާ ހޮސްޕިޓަލެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.