ފިލްމު "ސްކައި ސްކްރެޕާ" އަދި ކާޓޫން "ހޮޓެލް ޓްރާންސްލަވަނިއާ 3: ސަމާ ވެކޭޝަން" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖެނީ ޓާޓަކަވްސްކީ ޑައިރެކްޓް ކުރާ އެ ކާޓޫން ފިލްމަކީ ސޮނީ ޕިކްޗާސް އެނިމޭޝަން އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

"މިނީ ސަމާ ވެކޭޝަން" އަކަށް ކާޓޫން ކެރެކްޓާސް އިން ދާ މަންޒަރު ޓްރެއިލާ އިން ފެނިގެންދާއިރު ކާޓޫން އަނެއް ފުށަށް ޖަހާލަނީ "ވެކޭޝަން"ގައި ދިމާވާ ނުބައި އަންހެނެއްގެ ސަބަބުންނެވެ.

ކާޓޫން ކެރެކްޓަރުގެ އަޑުތައް އަޅާދީފައިވާ ބައެއް ތަރިންނަކީ ކުޅަދާނަ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް، އެޑަމް ސޭންޑްލާ، ޖޯ ޖޯނަސް އެވެ.

މި ކާޓޫނަކީ 65 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ރައުސަން މާޝަލް ތާބާ ޑައިރެކްޓްކުރާ "ސްކައި ސްކްރެޕާ" ފިލްމަކީ ކްރައިމް ޖޯންރާ އަށް ގެނެސްދޭ ފިލްމެކެވެ.

ޝައުގުން ފުރިގެންވާ ގިނަ މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔައެވެ.

ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޑްވައިން ޖޯންސަން، ނެވް ކެމްބެލް އަދި ޕަބްލޯ ޝްރައިބާ އެވެ.

މި ފިލްމަކީ 125 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ޝްވެކް ސިނަމާ އިން ބުނީ ދެ ފިލްމުގެ ޓިކެޓް ބުކިން މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.