10 Jul 2018, 13:58
އާޖެންޓީނާގެ ކޯޗު، ހޮރްހޭ ސަމްޕޯލީގެ މަގާމާ މެދު މިމަހުގެ ފަހުކޮޅު އާޖެންޓީނާގެ ފުޓުބޯޅަ އިދާރާއިން ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 58 އަހަރުގެ ސަމްޕޯލީ މިވަގުތު ހުރީ ބޮޑު ޕްރެޝަރެއްގައެވެ. މިދިޔަ އަހަރު މޭ މަހު އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވި ސަމްޕޯލީއަށް އެޓީމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދެވުނީވެސް ކިރިޔާއެވެ.
ވޯލްޑް ކަޕަށް ނުކުމެ ގްރޫޕް ސްޓޭޖުން ކިރިޔާ ސަލާމަތްވެވުނު އިރު، އާޖެންޓީނާ ކެޓީ ގަދަ 16ގައި ފްރާންސް އަތުން ބަލިވެގެންނެވެ. އާޖެންޓީނާގެ ދަށް ނަތީޖާތަކާއެކު ސަމްޕޯލީގެ ޓީމު ސްލެކްޝަންގެ އިތުރުން އޭނާގެ ޓެކްޓިކްސްއަށްވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ޕައުލޯ ޑީބާލާ ފަދަ ހުނަރުވެރި ކުޅުންތެރިން ޓީމުގައި ބޭނުން ނުކުރުމުންވެސް އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ވޯލްޑް ކަޕްގެ ނަތީޖާތަކާއެކު ސަމްޕޯލީ މަގާމުން ވަކިކުރާނެ ކަމަށް ބެލެވުނު ނަމަވެސް އާޖެންޓީނާގެ އެފްއޭއިން ވަނީ އެ ގައުމުގެ 20 އަހަރުން ދަށުގެ ޓީމުގެ ވަގުތީ ކޯޗަކަށްވެސް މިހާރު އޭނާ ހަމަޖައްސައިފައެވެ.
އެ މަގާމަށް ސަމްޕޯލީ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ސެބެސްޓިއަން ބެކަސީސޭ އެ މަގާމު ދޫކޮށް، ބްރެޒިލްގެ ކްލަބާ ހަވާލުވާން ދިއުމުންނެވެ.
ސަމްޕޯލީއާއެކު އާޖެންޓީނާގެ ޒުވާން ޓީމުން މިމަހު 28 ވަނަ ދުވަހު ސްޕެއިންގައި އޮންނަ މުބާރާތަކަށް ތައްޔާރުވަމުންދާ އިރު، އިއްޔެ ސަމްޕޯލީ ވަނީ އާޖެންޓީނާ ފެޑަރޭޝަންގެ ރައީސް ކްލައުޑިއޯ ޓާޕިއާއާއި ނައިބު ރައީސް ޑެނިއަލް އެންޖެލީސީއާ ބައްދަލުކޮށްފައެވެ.
އާޖެންޓީނާގެ ފެޑަރޭޝަނުން ބުނެފައި ވަނީ މިމަހުގެ ފަހުކޮޅުގައި ސަމްޕޯލީއާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި، ގައުމީ ޓީމުގެ ކޯޗުކަމަށް ގޮތެއް ނިންމާނީ އެ ބައްދަލުވުންތަކަށް ފަހުގައި ކަމަށެވެ.
އާޖެންޓީނާ ގައުމީ ޓީމާއެކު ސަމްޕޯލީ ނުކުތް 15 މެޗުގެ ތެރެއިން ހަތް މޮޅު ހޯދައިފައިވާ އިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. އަދި ހަތަރު މެޗުން ބަލިވެފައިވެސް ވެއެވެ.
ސަމްޕޯލީއަކީ ކުރިން ޗިލީ އަދި ސެވިއްޔާގެ ކޯޗުކަންވެސް ކޮށްފައިވާ ކޯޗެކެވެ.