10 Jul 2018, 13:44
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ލިބިގެން ދިޔަ އެންމެ ބޮޑު ގެއްލުމުގެ ފަހަތުގައި ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިއަދު މ. ދިއްގަރަށް ވަޑައިގެން ރައްޔިތުންނަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް އައި ހީނަރުކަމެއް ފެށިގެން އައި އިރު އޭގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ފާރިސް ކަމަށެވެ.
"އަޅުގަނޑުގެ ޕާޓީއަށް އައި ހުރިހާ ހީނަރުކަމެއް އަައުމުގައި އެންމެ އިސްކޮށް ފާޅުގައި ފެންނަން ހުންނެވީ މިދާއިރާއަށް އަޅުގަނޑުމެން ހޮވި މެމްބަރު. މީގެ އުނދަގޫ އަޅުގަނޑުގެ ސަރުކާރުން މިހާރު ވެސް އުފުލަމުން މިދަނީ." ރައީސް ޔާމިން ވިދާޅުވި އެވެ.
ފާރިސް ދިއްގަރު ދާއިރާއަށް ހޮއްވެވުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އެކަމަނިކުފާނު ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ދިއްގަރު ދާއިރާއަށް ފާރިސް ނެގުމަކީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ.
"މިކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ ގާނޫނުން ބޭރުން ގާނޫނާ ހިލާފު އެތައް ބައިވަރު މަސައްކަތްތަކެއް ކުރަމުންދިޔައީ. މަޖިލިސްގެ ތެރެއިން ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަން ރޭވިގެން ދިޔައީ. އިސްކޮށް ހުންނެވީ މިދާއިރާއަށް އަޅުގަނޑު ދެއްކި މެމްބަރު. އަޅުގަނޑުމެންގެ ދެންނެވުމަށް އެބޭފުޅުން އިންތިހާބުކޮށްދެއްވި މެމްބަރު އެންމެ އިސްކޮށް ހުންނެވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަދު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މަޖިލީހުގެ މެމްބަރުން މަޖިލީސް ތެރެ އިން އަދި ބޭރުން ސަރުކާރު ވައްޓާލަން ކުރި މަސައްކަތުގެ ސަބަބުން މިއަދު ބަންދުގައި ބައިތިއްބަން އުނދަގޫ އެތައް ބައެއް ޝަރުއީ ހުކުމަކާ އެކު ބަންދުގައި ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް އެމަނިކުފާނު ރައީސް ނަޝީދު ކަންތައް ކުރެއްވި ގޮތަށް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ގާނޫނުން ބޭނުން ޗާޓުން ބޭރުން އެއްވެސް މީހަކު ހިފައި ހައްޔަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑެއް ސިފައިން ފުލުހުން ނެރެ މީހުން ހައްޔަރެއް ނުކުރަން. ގާނޫނުގެ ބޭރުން ޗާޓުން ބޭރުން ޝަރީއަތުގެ ބޭރުން އެއްވެސް މީހަކު ހިފާ ހައްޔަރެއް ނުކުރަން. އެކަމު އެމީހަކު ގާނޫނާ ހިލާފަށް ކުރި ކަމެއްގެ ނަތީޖާ އަކީ އަދި ކުރަން އުޅުނު ކަމަކީ އެހާބޮޑު ނުރައްކާތެރި ކަމެއް މުޅި ދައުލަތަށާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަމެއް ކަމަށް ވަންޏާ އެކަމަކީ ނުބަލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނު ސަރުކާރާ ދެކޮޅަށް ނުރައްކާތެރި ކަންކަން ރާއްވައި ކޮށްފައި ހުރި ކަަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އެ ރޭހުގައި ކުރިއަށް ދިއުމުގައި ތަނަވަސްވެގެން ދިޔައީ ވިސްނުން ނޫން ކަމަށެވެ. އެމަނިކުފާނުގެ އިހުލާތެރިކަމާއި ރައްޔިތުންގެ މަސައްލަހަތު އޮތް ގޮތަށް ﷲ މިންވަރު ފުޅާ އެކު ކާމިޔާބު ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.