13 Sep 2011, 16:40
ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގައި ވެލެންސިއާ އާއި ދެކޮޅަށް މާދަމާ ރޭ ވިކްޓަރީ ނުކުންނަ އިރު އެޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒު )އަޔާ( ބުނެފި އެވެ.
ވިކްޓަރީ އަކީ ދިރާގު ދިވެހި ލީގުގެ ގަދަ ހަތަރެއްގައި އޮތް ޓީމުތަކުގެ ތެރެއިން އެއްވަނާގައި އޮތް ވީބީ އާއި އެންމެ ކައިރީގައި އޮތް ޓީމެވެ.
"ޓީމު އޮތީ ތައްޔާރަށް. މެޗަށް ޓީމު ނުކުންނާނީ ފުރިހަމައަށް ތައްޔާރު ވެގެން. ރޭގެ މެޗުން ވީބީ ބަލިވުމުން އެއީ ޓީމަށް ލިބުނު އިތުރު ފުރުސަތެއް. އިރާދަކުރެއްވިއްޔާ މިމެޗުން 100 ޕަސެންޓް މޮޅުވެވޭނެ،" އަޔާ ބުންޏެވެ.
މާދަމާރޭ ވިކްޓަރީ ތިން ޕޮއިންޓް ކަށަވަރު ކުރަން ނުކުންނައިރު، ވެލެންސިއާ އަކީ ގަދަ ހަތަރެއްގެ ޖާގަ ގެއްލިފައިވާ ޓީމެކެވެ. ވިކްޓަރީގެ އެއް ނަމްބަރު ކީޕަރު ފައިސަލް މިހާރު ފިޓުވެފައިވީ ނަމަވެސް ބައިބަލާ މުބާރާތުގައި ބައިވެރިވި މައްލާ މުޅިން ރަނގަޅު ނުވާކަމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަޔާ ބުންޏެވެ.
"ކީޕަރު ފައިސަލު އަދި ބައިބަލާ މުބާރާތުގައި ބައިވެރިވި ޑިފެންޑަރު މައްލާ މުޅިން ރިކަވާ އެއް ނުވޭ. އެހެންކަމުން މާދަމާރޭގެ މެޗުގައި މައްލާ ނުފެނިދާނެ. އެއްވެސް ކުޅުންތެރިއަކަށް އިތުރު ކުޅިވަރެއްގައި ބައިވެރި ވުމަށް ވިކްޓަރީއިން މަނައެއް ނުކުރޭ." އަޔާ ބުންޏެވެ.
ވިކްޓަރީއަށް ބިދޭސީ ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކުޅުންތެރިން މިމަސް ނިމުމުގެ ކުރިން ޓީމުން ފެނުމުގެ ފުރުސަތު އޮތްކަމަށް މެނޭޖަރު އަޔާ ބުންޏެވެ.
"މިހާރު މިދަނީ ބިދޭސީ ތިން ކުޅުންތެރިއަކާ ވާހަކަ ދައްކަމުން. އެތަނުން ދެކުޅުންތެރިން ގެނެވޭތޯ މި މަސައްކަތް ކުރަނީ. މިމަސް ނިމޭތާ އެކުޅުންތެރިންގެ ކުޅުން ފެނިދާނެ." އަޔާ ބުންޏެވެ.
ލީގުގެ އެންމެ ކުރީގައި އޮތް ވިކްޓަރީ އިން ތިންވަނަ ބުރުގައި ކުޅުނު މެޗުން އެއްވަރުވުމުން އެޓީމަށް ދަތިތަކަކާއި ކުރިމަތިވިއެވެ. މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަނާގައި އޮތް ވީބީ ބަލިވި ނަމަވެސް އެޓީމާއި ދެވަނާގައި އޮތް ވިކްޓަރީއާއި ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން ލީގު ދިފާޢު ކުރުމުގެ ފުރުސަތު ވީބީއަށް ބޮޑެވެ.