10 Jul 2018, 13:05
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން އިދިކޮޅު ފަރާތްތަކަށް އުޅެނީ އެކަން ހަޖަމު ނުވެގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މ. ދިއްގަރު ބަނދަރުގެ މަސައްކަތާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުން އެނގެނީ ރައީސް ޔާމީން އިސްލާމް ދީނަށް ދެއްވާ އިސްކަން ކަމަށެވެ.
"ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމުން އެނގެނީ ރައީސް ޔާމީން އިސްލާމް ދީނަށްދޭ އަހަންމިއްޔަތުކަން. ތާއީދުކުރާ ކެނޑިޑޭޓަކަށް ވުރެ ބޮޑަށް އިސްކަން ދޭން ޖެހޭނީ އިސްލާމް ދީނަށް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ތަރައްގީއާ އެއްފަދަ ބާރު ސުޕީޑެއްގައި އިސްލާމް ދީނުގެ ރިވެތި ސިފަތައް ވެސް ދިވެހިންގެ ތެރޭގައި އަށަގެނުއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ އިސްލާމީ ތައުލީމު ހާސިލު ކުރައްވައިގެން ތިބި އިލްމުވެރިންނާ އެކުގައި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ޑރ.ޝަހީމަކީ ރައީސް ޔާމީންގެ ރަނިން މޭޓެއްގެ މަގާމު އަދާކުރުމަށް މި ރާއްޖޭގައި ހުންނެވި އެންމެ ގާބިލް ބޭފުޅާކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޔާމީނާ އެކު މިފަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަށް މި ރާއްޖޭގައި ހުރި އެންމެ ގާބިލް، އެންމެ ވަފާތެރި ބޭފުޅަކީ ޝަހީމް،" އަދުރޭ ވިދާޅުވި އެވެ.
އިސްލާމް ދީން ދިފާއު ކުރުމަށޭ ކިޔައިގެން އުޅޭ ބައެއް ބޭފުޅުން ދީނީ އިލްމުވެރިންނާ ދިމާލަށް ނުކިޔާ ހަނޑިހުތުރު ބަހެއް ނެތްކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ދުވަހަކު ވެސް އިންސާނާގެ ހިތް ނުފުރޭނެ ކަމަށާއި ތަރައްގީ އަކީ ތަރައްގީގެ ވަސީލަތްތަކާ އެކު އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަން ކަން ތަރައްގީކުރުން ކަމަށެވެ.