10 Jul 2018, 12:15
ޓޯކިޔޯ(ޖުލައި 10): ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑުކަނޑައިގެން ދިޔުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 126އަށް އަރައިފިއެވެ.
ޖަޕާނުގެ ސަރުކާރު އޮފިޝަލުން ވިދާޅުވި ގޮތުގައި ވާރޭ ވެހުން މިހާރު ހުއްޓާލާފައި ވުމުން، ފުލުހުންނާއި ސިފައިން މިހާރު ދަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގައުމުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމެންޓު އޭޖެންސީން ބުނި ގޮތުގައި ގެއްލުނު މީހުންގެ އަދަދު 27އަށް އަރައެވެ.
ޖަޕާނުގެ ކެބިނެޓު ސެކްރެޓަރީ ޔޮޝިހިދޭ ސޫގާ ވިދާޅުވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި އެގައުމަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ކޯރުތައް ބަންޑުން ޖަހާލައި، އޭގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.
އަދި އޭގެ ސަބަބުން އެތައް ހާސް ގެއަކަށް ގެއްލުންވެ، 17،000 ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޖަޕާނުގެ ސިފައިންނާއި ފުލުހުން ދަނީ ފެންބޮޑުވުމުގެ ސަބަބުން އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން -- ފޮޓޯ: ގެޓީ
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓާ، އެންއެޗްކޭއިން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް އެގައުމުގެ އުވަޖިމާ ސިޓީއަށް ވަނީ 364 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ ޖުލައި މަހު އެވަރެޖުކޮށް އެސަރަހައްދަށް ވާރޭ ވެހޭ މިންވަރަށް ވުރެ 1.5 ގުނަ އިތުރު މިންވަރެކެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ނުވަ ސަރަހައްދުގެ ތެރޭގައި ހިރޯޝިމާ އާއި އޮކަޔާމާ ހިމެނެ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ފަސޭހަ ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.