10 Jul 2018, 12:27
އެމްޑީޕީގެ ވެރިކަމެއް ނުވަތަ ކުރީގެ ރައީސް މުހަންމަދު ނަސީދުގެ ވެރިކަމެއް އައިސްފިނަމަ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަރައްގީއަށް ކުރެއްވި ކަންތައްތަށް ފެނަށް ވެގެން ދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރު ބަނދަރު ހުޅުވުމާއި، ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއްނެތި ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދެއްވަމުން ދާކަމަށެވެ.
ދިއްގަރުގެ ނަރުދަމާގެ މަސައްކަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަށް 26 މިލިއަން ރުފިޔާ ހަރަދުވެގެން ދިޔަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް ރައީސް ޔާމީން މިރަށަށް ވަނޑައިގެން، ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވައި އެ މަސައްކަތް ފައްޓަވައިދެއްވާފައިވާކަމަށެވެ. އެ މަސައްކަތަށް 27 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތަރައްގީ ބޭނުންނަމަ ދިވެހިންގެ ތަރައްގީގެ ބާނީ ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ދޭންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.