10 Jul 2018, 11:41
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި މި މަހުގެ މެދެއްހާ ހިސާބުގައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މިއަދު މ. އަތޮޅަށް ކުރައްވަމުން ގެއްދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފިޔަވަޅު އަޅާނެ ކަމަަށް އީޔޫއިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން އީޔޫއާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ވަކި ގޮތެއް ނިންމައިގެން ތިބި ބަޔަކަށް އިތުރަށް މަޝްވަރާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އީޔޫއިން ތިބެނީ އިދިކޮޅުގެ ވާހަކަތައް މާ ބޮޑަށް ގަބޫލުކޮށްގެން ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ހަފްތާގައި ޔޫރަޕުގެ އިއްތިހާދުން އޮތީ އަޅުގަނޑުމެނަށް އިންޒާރު ދީފަ. އިންޒާރު މި ދެނީ އަޅުގަނޑުމެންނާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް. އަޅުގަނޑު އިންތިޒާރު އެބަކުރަން އެ ފިޔަވަޅުތައް މިމަހުގެ ތެރޭގައި އަޅާނެކަމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމްޑީޕީ މީހުން އުފަލާއެކު އެ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެކަން ބަލައިގަންނަނީ ކަންބޮޑުވުމާއެކު ކަމަށް ވިދާޅުވިއެވެ.
އީޔޫއިން އިންޒާރުތަކެއް ދިން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ދޫނުކޮށްލާނެ އުސޫލުތަކެއް ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެ އުސޫލުތައް އަޅުގަނޑުމެން ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕުގެ އިއްތިހާދުން އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅަންޏާ ދެން އެކަން އެގޮތަށް ދާނީ. އަޅުގަނޑުމެން ﷲއާ ވަކީލު ކޮށްލައިގެން އެކަން ކަމުން ދެން ސަލާމަތް ވެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ފިޔަވަޅު އެޅި ނަމަވެސް ގަބޫލުނުކުރާ ކަންތައްތަކެއް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމަށް ހުއްޓުމެއް އަންނަން އީޔޫއިން އަންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވިއެވެ.
އަދި ޖަލުގައި ތިބި ކުށްވެރިންތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށާއި ރާއްޖެގައި ބާއްވަނީ "މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރާނީ ކުށްވެރިން ދޫކޮށްލީމަ" ކަމަށް އީޔޫއިން ބުނާ ބުނުން ގަބޫލުނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އީޔޫއިން ދޫކޮށްލަން ބުނާ މީހުންނަކީ ޝަރީއަތުގެ ކުރިމަތީގައި "މުޖުރިމުން" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންވީމަ ޝަރީއަތުން ބޭރުން ކަންކަން ކުރަން ބަޔަކު އެންގިޔަސް އަދި އެކަމެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކިތަންމެ ވަރަށް އިއްތިހާދުގެ ފަރާތުން އެންގިޔަސް މި ހުރިހާ ކުށްވެރިންނެއް ވީއްލައި، ކުށްވެރިންނަކީ ކުށެއް ނުކުރާ ބަޔަކަށް އަޅުގަނޑަކަށް ނުހެދޭނޭ. އަދި ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާފައި ތިބި މެމްބަރުންގެ ގޮނޑިއަކީވެސް ނުގެއްލޭ ގޮނޑިއަކަށް އަޅުގަނޑަކަށް ނުހެދޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންވީމަ އެކަންކަން އެ އެދޭގޮތަށް ނުކޮށްދެވިގެން އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަށް އަޅުގަނޑުގެ ސަރުކާރަށް ވަނީ އެ އިންޒާރު ލިބިފައި. އަޅުގަނޑުމެންވެސް މިކަން ހައްލު ކުރުމައްޓަކައި އިއްތިހާދުގެ އެކި ފަރާތްތަކާ ވާހަކަދައްކަމުން އެބަ ގެންދަން. އެހެން ނަމަވެސް ވަކި ގޮތަކަށް ކަންތައްތައް ނިންމައިގެން ތިބި ބަޔަކަށް ވިސްނާދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވުރެ އިދިކޮޅު ދައްކާ ވާހަކަ އެމީހުން ކައިރީގައި މާ މަގުބޫލުކަން ބޮޑު،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ކުށްވެރިއެއް ނޫން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދިވެހި ދައުލަތުގެ ހަޒާނާގެ 100 އެތައް މިލިއަން ޑޮލަރެއް އަދިވެސް ވީތަނެއް ނޭންގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އަދީބު މަސައްކަތް ކުރެއްވި ލޯންޗު ގޮއްވާލައިގެން ރައީސުލްޖުމްހޫރިއްޔާ ނެތިކޮށްލަން ކަމަށާއި އެއީ ލުއި ކަންކަން ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންވީމަ އެފަދަ މީހުން ދޫކޮށްލައިގެން ރާއްޖެއަށް އަމާންކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.