13 Sep 2011, 16:26
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ގެ މައްޗަށް ހިންގާ ހިޔާނާތުގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް މި މަހުގެ 29 ވަނަ ދުވަހަށް ޝެޑިއުލްކޮށް ކުރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ނާޒިމަށް ޗިޓުފޮނުވައިފި އެވެ.
ކުރިމިނަލް ކޯޓުގެ އޮފިޝަލަކި މިއަދު ވިދާޅުވީ ކުރިމިނަލް ކޯޓުން ނާޒިމަށް ޗިޓު ފޮނުވާފައިވަނީ އިއްޔެ ކަމަށާއި އެ ޗިޓަކީ މި މަހުގެ 29 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ހާޒރިވުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.
"ޗިޓު ވަނީ ވަނީ ރޭގެ ވަގުތެއްގައި ރައްދުކުރެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އަށް ފަހަރުމަތިން ޗިޓުފޮނުވައިގެން ވެސް އެކި ސަބަބުތަކާ ހުރެ ނުބޭއްވި ލަސްވި ނާޒިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނަށް ސިއްރުކޮށްގެންނެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް އުފުލަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން 15،000 ދިވެހި ގައުމީ ދިދަ ގަތުމަށް ޖޫން 18، 2005 ގައި އިއުލާން ކުރުމުން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނަވައި، އެ ކުންފުނީގެ ތަކެއްޗާ މުދާ ބޭނުންކޮށްގެން ޓެކް މީޑިޔާ ސާވިސާސްގެ ނަމުގައި އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ބިޑް ހުށަހަޅާފައިވާ ކަމަށްބުނެ އެވެ.
މި ދައުވާގެ އިތުރުން ދިދަތަކުގެ މައްސަލައިގައި އެހެން ދައުވާއެއް ވެސް ޕީޖީ އޮފީހުން ނާޒިމްގެ މައްޗަށް ކުރެ އެވެ. އެ ދައުވާގައި ބުނަނީ އެޓޯލްސް މިނިސްޓްރީގެ ފަރާތުން 15،000 ދިދަ ގަންނަންވެގެން ޑިސެމްބަރު 31، 2003 ގައި އިއުލާނެއް ކުރި ކަމަށެވެ. އަދި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރެ އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރައްވައިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ "ކުންފުނިތަކެއް"ގެ ނަމުގައި ލެޓާ ހެޑް ހަދައި އެ ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅުއްވައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.