10 Jul 2018, 11:14
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން ދިއްގަރުގައި ތަރައްގީކޮށްފައިވާ ނަރުދަމާ އާއި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
ދިއްގަރުގައި ތަރައްގީކުރި ނަރުދަމާ އަކީ އެންވަޔަރަމެންޓް މިނިސްޓްރީ އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ޖުމްލަ އަގަކީ 26,577,851.08 ރުފިޔާ އެވެ. ދިއްގަރު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 18 ޖެނުއަރީ 2017 ގަ އެވެ. މަސައްކަތް ނިންމާފައި ވަނީ 13 ޖެނުއަރީ 2018 ގަ އެވެ.
މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންގިސްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގައި ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި 4.3 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފަ އެވެ. އަދި އެ ރަށުގެ 249 ގެއަށް ވަނީ މި ޚިދުމަތް ދެވިފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 340 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅައިފަ އެވެ. އެގޮތުން މި ނިޒާމުގެ ޚިދުމަތް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ރަށުގައި ފޯރުކޮށްދެމުންނެވެ.
ދިއްގަރުގައި ތަރައްގީކުރި ބަނދަަކީ އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި ބަނދަރަކީ 750 ފޫޓު ދިގު، އަދި 260 ފޫޓު ފުޅާ ބަނދަރެކެވެ. ބޭރުތޮށީގައި 452 މީޓަރުގައި ބޮޑު ހިލަޖަހައި 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެ އެވެ.
ދަޢުލަތުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެން ދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.