އަންކާރާ (ޖުލައި 10): ތުރުކީގެ ފިނޭންސް މިނިސްޓަރު ކަމަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ދަނބިދަރިކަލުން ބިރާތް އަލްބައިރަކް އައްޔަން ކުރައްވައިފި އެވެ.

މިދިޔަ އަހަރު ތުރުކީގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ދަށުން އެ ގައުމުގެ ރައީސަށް ލިބިގެންވާ ބާރުތައް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ނައިބު ރައީސުންނާއި މިނިސްޓަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ވަނީ ރައީސަށް ދީފަ އެވެ.

އެހެންކަމުން އިއްޔެ ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކުރެއްވި އުރުދުޣާން ވަނީ އާކެބިނެޓެއް އިއުލާން ކުރައްވައިފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަލްބައިރަކް އަކީ އުރުދުޣާންގެ ދަރިކަނބަލެއް ކަމަށްވާ އިސްރާ އުރުދުޣާންގެ ފިރިކަލުންނެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ތުރުކީގެ އެނާޖީ މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އިއްޔެ ރިޔާސީ ގަނޑުވަރުން ދެއްވި ތަގުރީރެއްގައި އުރުދުޣާން ވަނީ ތުރުކީން ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމާ އެކު އެގައުމުން "އާ ފެށުމަކުން ފަށާފައިވާ" ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީގެ ނިޒާމުގެ ސަބަބުން އެގައުމަށް "ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން" ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"[މުސްތަގުބަލުގައި] ތުރުކީން ޑިމޮކްރަސީ އާއި އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިގުތިސާދީ އަދި އިންވެސްޓްމެންޓު ފަދަ ހުރިހާ ދާއިރާއަކުން ކުރިއަރާނެ." އުރުދުޣާން ވިދާޅުވި އެވެ.

ދެހާސްސާދަ ވަނަ އަހަރު އުރުދުޣާން ތުރުކީގެ ރައީސްކަމަށް ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާތާ 11 އަހަރަށް ފަހުގަ އެވެ. (ބީބީސީ)