އަށާވީސް އަހަރަށް ފަހު އިންގްލެންޑުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އެޓީމަށް ފައިނަލާ ދޭތެރޭ އޮތް ހަމައެކަނި ހުރަހަކީ މިހާރު ކްރޮއޭޝިއާ އެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ދެއްކި ކުޅުމަށް ބަަލައި އިންގްލެންޑުން އެންމެ ސަމާލުވާން ޖެހޭ ކުޅުންތެރިއަކަށްވާނީ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

"މޮޑްރިޗާ އެކު ކުޅުނު މީހެއްގެ ތަޖުރިބާގެ އަލީގައި އަހަރެން ބުނާނީ އޭނާއާ އެއްވަރަށް މެޗުތަކުން މޮޅުވާން ބޭނުންވާ މީހަކާ ދިމައެއް ނުވޭ. އަދި ހަމައެއާ އެކު އެހާ ހުނަރު ހުރި ކުޅުންތެރިއަކު ވެސް މަދުވާނެ،" މޮޑްރިޗާއެކު އިންގްލެންޑްގެ ޓޮޓެންހަމްއަށް ކުޅުނު މިޑްފީލްޑަރު ޖަމެއިން ޖީނަސް ބުންޏެވެ.

މިހާރު ބީބީސީގެ އެނަލިސްޓަކަށް މަސައްކަތް ކުރާ ޖީނަސް ވަނީ ކުރިން އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ކްރޮއޭޝިއާ ދެކޮޅަށް ވެސް އިންގްލެންޑާ އެކު ނުކުމެފަ އެވެ.

"އަހަރެން ހަނދާންހުރޭ ފުރަތަމަ ފަހަރަށް މޮޑްރިޗް ފެނުނު ހަނދާން. އެއޯ 2006 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފިކޭޝަން މެޗެއް. އަހަރެން އިނީ އިންގްލެންޑް ބެންޗުގައި. އެރޭ މޮޑްރިޗް ކުޅުނު ކުޅުމާ އެކު ޓޮޓެންހަމްއިން އޭނާ ގެންނަން އުޅުނު. އަހަރެން ވަރަށް އުފާވި މޮޑްރިޗް ގެންނަ ވާހަކަ ބުނުމުން. ބުނަން ވެސް ބުނި މިހާރުން މިހާރަށް އޭނާ ގެންނާށޭ. އޭރުވެސް އެނގޭ މޮޑްރިޗަކީ ހުނަރިވެރި ތަރިއެއްކަން،" ޖީނަސް ބުންޏެވެ.

މޮޑްރިޗް ޓޮޓެންހަމްއާ ގުޅެފައި ވަނީ އޭނާގެ އުމުރުން 22 އަހަރުގަ އެވެ. އެއީ 2008 ވަނަ އަހަރުގަ އެވެ. ޖީނަސް ބުނީ މޮޑްރިޗަކީ ހުރިހާ ކުޅުންތެރިންގެ ވެސް ރައްޓެއްސެއް ކަމަށާއި އޭނާގެ އެންމެ ރަނގަޅު ސިފައަކީ ލީޑާޝިޕްކަން ކަމަށެވެ. މޮޑްރިޗްގެ ފަރާތުން ފުރަތަަމ ދުވަހު ވެސް ލީޑާޝިޕް ފެނުނު ކަމަށާއި މިއަދު ގައުމީ ޓީމުގެ ކެޕްޓަން ކަމުގައި މޮޑްރިޗް ދައްކަނީ މިސާލެއް ކަމަށް ވެސް ޖީނަސް ބުންޏެވެ.

ޖީނަސް ބުނީ އާއްމުކޮށް ގިނަ ކުޅުންތެރިންނަށްވާ ގޮތަކީ ބަލިވާން ފެށުމުން ހިތްވަރު އެލި ވަރުބަލިވުން ކަމަށާއި މޮޑްރިޗްގެ ފަރާތުން އެ ސިފަ ނުފެންނާނެ ކަމަށެވެ. އަދި ދުވަހަކު ވެސް ދޫކޮށް ނުލާނެ ކަމަށާއި ފަހުވަގުތާ ޖެހެންދެން ހިތްވަރު ކުރުމަކީ މޮޑްރިޗްގެ ހާއްސަ ސިފައެއް ކަމަށް ވެސް ޖީނަސް ބުންޏެވެ.

އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 11:00 ގައެވެ.