10 Jul 2018, 11:05
ދައުލަތުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑު އެހުން ކެންސަލްކޮށްފި އެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް އަންގާފައެއް ނުވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުން ފާރިސް އަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ.
އެމައްސަލާގައި އެންމެ ފަހުން ބާއްވާފައި ވަނީ ދެވަނަ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑު އެހުމުގައި ފާރިސް ވަނީ އެއީ މީހަކަށް ފެނުނު ހުވަފެނެއް ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ދައުވާގައި ސާފުނުވާ ކަންކަން އެބަހުރި ކަމަށް ވެސް އެދުވަހުގެ އަޑުއެހުމުގައި ފާރިސް ވަނީ ވިދާޅުވެފަ އެވެ.
ފާރިސް އަށް ޓެރަރިޒަމްގެ ދައުވާ ކުރާ އިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް މިދިޔަ މަހު ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ފާރިސްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އައިސް، މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.