10 Jul 2018, 10:17
ބޭންކޮކް (ޖުލައި 10): ތައިލޭންޑުގެ ޗިއަންގް ރައިގައި ހޮހޮޅައެއްގައި ތާށިވި ކުދިންގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ފުރަތަމަ ސަލާމަތް ކުރި ހަތަރު ކުދިންގެ ކައިރިއަށް ޒިޔާރަތް ކުރުމުގެ ހުއްދަ އެކުދިންގެ އާއިލާތަކަށް ދީފިއެވެ.
ތައިލޭންޑުގެ ހެލްތު މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޮފިޝަލުން ވިދާޅުވި ގޮތުގައި ހޮހޮޅައިން ނެރުނު ފުރަތަމަ ހަތަރު ކުދިންގެ ބެލެނިވެރިންނަށް ވަނީ އެ ކުދިން ދެކިލަން ފުރުސަތު ދީފައި އެވެ.
ނަމަވެސް އިންފެކްޝަނެއް ފެތުރިދާނެކަމުގެ ބިރު އޮތުމުން ބެލެނިވެރިން ބޭތިއްބީ އެކުދިން ތިބި ކޮޓަރީގެ ބޭރުގައި ކަމަށާއި، ކުދިން ފެނުނީ ކޮޓަރީގައި ހުރި ބިއްލޫރި ކުޑަދޮރަކުން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ބައެއް ކުދިން --- ފޮޓޯ/ އޭޕީ
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޖެސާދާ ޗޮކްޑަމްރޮންގްސަކް ވިދާޅުވި ގޮތުގައި ހޮހޮޅައިން މިހާތަނަށް ނެރެފައިވާ އަށް ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ހާލުވެސް ރަނގަޅެވެ.
ނަމަވެސް އާދިއްތަ ދުވަހު ސަލާމަތް ކުރި ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ފަރާތުން ނިއުމޯނިއާގެ އަލާމާތްތަކެއް ފެނިފައި ވުމުން އެ ކުދިންނަށް އެންޓިބައޮޓިކްސް ދީފައިވާ ކަމަށާއި އެ ހަތަރު ކުދިންނަށްވެސް އައިވީ ގުޅައި ޓެޓަނަސްއާއި ރޭބީސްއަށް ވެކްސިން ދީފައިވާ ކަމަށް ޗޮކްޑަމްރޮންގްސަކް ވިދާޅުވިއެވެ.
ތައިލޭންޑްގެ ހެލްތު މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ހޮހޮޅައިން ސަލާމަތްކޮށްފައިވާ ކުދިންނަށް އެ ކުދިންގެ އާއިލާއާ ބައްދަލުކުރެވޭނީ އެއްވެސް އިންފެކްޝަނެއް ނެތްކަން ޔަގީންވުމުންނެވެ. އަދި އެ ކުދިންގެ ބައެއް ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލިބޭނެ ކަމަށާއި ގާތްގަނޑަކަށް ހަފްތާއެއް ވަންދެން ހުރިހާ ކުދިންވެސް އޮބްޒަވޭޝަނުގައި ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި މިދިޔަ މަހުގެ 23ގައި ތާށިވި ކުދިންގެ ތެރެއިން އެ ހޮހޮޅައިގައި މިހާރު ތިބީ ހަތަރު ކުއްޖަކާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗެވެ. އެ ކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށުމަށް ޑައިވަރުންނާއި ރެސްކިއު ވޯކަރުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.