10 Jul 2018, 10:08
ވޯލްޑް ކަޕަކީ ތަރިންގެ މުބާރާތެކެވެ. ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭނެ ފަހި ފުރުސަތެކެވެ. ކެރިއަރުގައި ކުރިއަށް އަޅަން އޮތް ފިޔަވަޅަށް ކުރެވޭ އޮޑިޝަނެކެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޓީމުތައް ދަތުރުކޮށްފައިވާ އިރު، އެހިސާބަށް މުބާރާތް ދިޔައީ އެތަކެއް ބައެއް ރޮއްވާލުމަށް ފަހުގައެވެ. ތާރީޚީ ނަތީޖާ ތަކަކަށް ފަހުގައެވެ. އެތަކެއް ޑްރާމާއަކާ ފުޓުބޯޅައިގެ ރީތި މަންޒަރެއް ދައްކައިފައެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ހަތަރު ޓީމަކީވެސް ވިލާތުގެ ހަތަރު ޓީމެވެ. މިއީ ވޯލްޑް ކަޕްގެ ތަރީހުގައިވެސް ވިލާތުގެ ހަތަރު ޓީމަކުން ސެމީ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ބެލްޖިއަމް ވާދަކުރާ މެޗުންނެވެ.
ބެލްޖިއަމްއަށް މިހާތަނަށް މުބާރާތް ކާމިޔާބު ކުރެވިފައި ނެތް ނަމަވެސް އެޓީމުގެ ފެންވަރާ މެދު ސުވާލު އުފެއްދޭކަށް ނެތެވެ. ހާއްސަކޮށް އެޓޭކްގެ ވަރުގަދަ ކަމަކީ ބެލްޖިއަމްގެ އެންމެ ވަރުގަދަ ހަތިޔާރެވެ.

ބެލްޖިއަމްއާއި ޕެނަމާ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ވޯލްޑް ކަޕްގެ ކުރިން، އެޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫއަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ކުޅުންތެރިއެކެވެ. ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ފޯވަޑު މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 34 މެޗުން ޖެހި 16 ގޯލާއެކުގައެވެ.
ކްލަބާއެކު އެންމެ އެދެވޭ ކުޅުމެއް ނުދެއްކި ވޯލްޑް ކަޕަށް ދިޔަ ނަމަވެސް، ލުކާކޫ އޭނާއަށް ފާޑުކިޔާ އެތައް ބަޔަކަށް ރައްދު ދިނީ ވޯލްޑް ކަޕުންނެވެ. މިހާތަނަށް ބެލްޖިއަމް ކުޅުނު ހުރިހާ މެޗެއްގައިވެސް އެންމެ ވިދުން ގަދަ އެއް ކުޅުންތެރިއަކީވެސް އޭނައެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި ލުކާކޫ ހަތަރު ގޯލް ޖަހައިފައިވާ އިރު، ކުރިއަށް ކުޅޭ ބޯޅަތައް ހިފެހެއްޓުމުގެ އިތުރުން މެދުތެރެއިން އުފައްދާ ކައުންޓާ އެޓޭކްތަކުގައިވެސް ބެލްޖިއަމަށް އެންމެ މުހިއްމު ކުޅުންތެރިއަކީ ލުކާކޫއެވެ. އެންމެފަހުން ބްރެޒިލާ ދެކޮޅަށް ބެލްޖިއަމް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ލުކާކޫ ފާހަގަކޮށްލެވެނީ އަރިމައްޗަށް ނުކުމެ، ބާރު ދުވެލީގައި ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައެވެ. ބެލްޖިއަމް އެޓޭކްގައި އެޑެން ހަޒާޑާއި ކެވިން ޑިބްރޭނާގެ އެހީތެރިކަމާއެކު ލުކާކޫ ދައްކަމުންދާ ކުޅުމުގެ ފަހަތުގައި ހުރީ ޓީމުގެ އެސިސްޓެންޓް ކޯޗު، ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީއެވެ.
ފްރާންސާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި އޮންރީ ވަނީ އެ އަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލް ޖަހައިފައެވެ. މީގެ 20 އަހަރު ކުރިން ފްރާންސާއެކު ވޯލްޑް ކަޕްގެ ތަށި އުފުލާލި އޮންރީ، މިއަދު ބޭނުންވާނީ އޭނާގެ އުފަން ގައުމު ފްރާންސް ބަލިވާށެވެ. އެކަން ކުރަން އޮންރީ ތައްޔާރުކުރި ހަތިޔާރަކީ ލުކާކޫއެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮންރީ ވަނީ ވިދާލާފައި --- ފޮޓޯ/ އޭޕީ
"އަހަންނަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އޮންރީ. މެޗު ތެރޭގައި އަހަރެން ލޯ ހުޅުވިގެންދިޔައީ އޮންރީ ކިޔައިދިން އެއްޗެހިން. ގޯލް ތެރެއަށް ބޯޅަ ނިންމާލުމުގެ އިތުރުން ދަނޑުމަތީގައި ހުންނަން ޖެހޭ ތަންވެސް އަހަންނަށް ކިޔައިދިނީ އޮންރީ. އޭނާ ބުނާނެ ރަނގަޅު ފޯވަޑެއް އަމިއްލައަށް ފުރުސަތު ހޯދައިގެން ކުޅޭނެ ވާހަކަ. އަހަރެން މިހާރު އެގޮތަށް މަސައްކަތް ކުރަނީ،" ލުކާކޫ ބުންޏެވެ.
ޕްރިމިއާ ލީގުގެ މެޗުތަކަށްފަހުވެސް އޮންރީއާއި ލުކާކޫ އަބަދުވެސް ބައްދަލުކޮށް، ވާހަކަ ދައްކާ އިރު، ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުކަމާ 2016 ވަނަ އަހަރު އޮންރީ ހަވާލުވި ފަހުން ލުކާކޫއާ އޮންރީއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. ވީޑިއޯތަކުގެ އެހީގައި ދަނޑު މައްޗަށް ލުކާކޫ ތައްޔާރުކުރުމުގެ އިތުރުން މެންޓަލީ ކުރަން ޖެހޭ ތައްޔާރީތައްވެސް ކުރުވާ، ލުކާކޫގެ މޭސްތެރިއަކީ ހަމަ އޮންރީއެވެ.
"އޮންރީއާއެކު އަހަރެން މަސައްކަތް ކުރަނީ ވަރަށް ގާތުން. އޮންރީއާއެކު މަސައްކަތް ކުރަން ފެށުމުން އަހަރެން ހީނުކުރާ ވަރަށް އަހަރެންގެ ކުޅުން ރަނގަޅު ވެއްޖެ. މިދިޔަ ދެ އަހަރު ތެރޭގައި އޮންރީ އަހަންނަށް ކިޔައިދިން ކިޔައިދިނުމަށް ޝުކުރު އަދާ ނުކުރެވޭނެ. އެހާވެސް ގިނަ ކަންކަން ދަސްކޮށްދީފި،" ލުކާކޫ ބުންޏެވެ.

އޮންރީ ބެލްޖިއަމްގެ ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ
ލުކާކޫގެ ސީނިއާ ކެރިއަރުގެ އެންމެ ޅަ ދުވަސްވަރު އޭނާ ކުޅުނީ ޗެލްސީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާއާ އެކުގައެވެ. ލުކާކޫ ބުނީ ޑްރޮގްބާއަކީ އޭނާގެ ކެރިއަރުގައި ބައްދަލު މުހިއްމު ކުޅުންތެރިއެއް ކަމަށާއި، ދަސްކުރުމަށްވުރެ ބޮޑަށް އޭރު ސަމާލުކަން ދިނީ ޑްރޮގްބާއާ ވާދަކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު އޮންރީއާއެކު އޮންނަނީ އަބަދުވެސް ދަސްކުރުން ކަމަށާއި، ހުރިހާ ވަގުތެއްގައިވެސް އޮންރީއާއެކު ދައްކަނީ ފުޓުބޯޅަ ވާހަކަ ކަމަށް ލުކާކޫ ބުންޏެވެ.
ޒުވާން ލުކާކޫ، ވޯލްޑް ކަޕަށް ގޮސް، ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ ފޯވާޑާއެކު ފަރިތަކުރަން ހުރުމަކީ އޭނާއަށް ކުރެވުނު ހުވަފެނެއްވެސް ނޫނެވެ. ދިރިއުޅުމުގެ ދަތިހާލާއެކު މިއަދު ލުކާކޫ ހުރި މަގާމު، މީގެ ކުރިން އޭނާއަށް ތަހައްމަލުވެސް ނުކުރެވެއެވެ.
"އަހަރެމެން ކުޑަ އިރު، ތިއަރީ އޮންރީ ކުޅޭ މެޗެއް ޓީވީން ބަލާލާނެ ފެންވަރެއްވެސް ނެތް. އެހާވެސް އަތް މަތި ދަތިކޮށް އުޅުނީ. މިއަދު މިހުރީ ވޯލްޑް ކަޕްގައި، އެވެސް އޮންރީ ކައިރިން ކަންތައްތަކެއް ދަސްކުރަން. މިއީ ކުރިން އިހުސާސްވެސް ނުކޮށްލެވޭ ދުވަހެއް،" ލުކާކޫ ބުންޏެވެ.