ބޭންކޮކް (ޖުލައި 10): ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި މިހާރު ތިބި ހަތަރު ކުދިންނާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތް ޑައިވަރުންނާއި ރެސްކިއު ވޯކަރުން މިއަދުވެސް ފަށައިފި އެވެ.

މިދިޔަ މަހުގެ 23ގައި ހޮހޮޅައިގައި ތާށިވި 12 ކުދިންގެ ތެރެއިން އަށް ކުދިން ވަނީ ފާއިތުވި ދެ ދުވަސް ތެރޭ ހޮހޮޅައިން ނެރެފަ އެވެ.

އަދި މިއަދު ވެސް އެ މަސައްކަތް ފެއްޓުމަށް ޓަކައި ހޮހޮޅަ ކައިރިއަށް ތިން އެމްބިއުލާންސާއި އަސްކަރިއްޔާގެ އުޅަނދުތަކާއި ސިފައިން އެއްވެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި އެވެ.

ނަމަވެސް އެސަރަހައްދަށް ރެ އާއި މިއަދު ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން ކުދިން ހޮހޮޅައިން ނެރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެކުދިން ސަލާމަތް ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސޮޓަނަކޯން އިއްޔެ ވިދާޅުވި ގޮތުގައި މިއަދުގެ އޮޕަރޭޝަނަށް ތައްޔާރުވާން 20 ގަޑި އިރު ނަގާނެ އެވެ. ނަމަވެސް މޫސުމަށާއި ހޮހޮޅައިގެ ފެންގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ބަދަލު އައިސް ދާނެ ކަމަށް އޭނާ ބުންޏެވެ.

އޮސޮޓަނަކޯން އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް ސަލާމަތްކޮށްފައިވާ އަށް ކުދިންގެ ހާލު ރަނގަޅެވެ. އަދި އެކުދިންނަށް މިހާރު ދަނީ ޗިއަންގް ރައި ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯޑުގައި ފަރުވާ ދެމުން ކަމަށާއި ޑޮކްޓަރުން ދަނީ އެކުދިންނަށް އެއްވެސް އިންފެކްޝަނެއް ޖެހިފައިވޭތޯ ބަލަމުން ކަމަށް އޮސޮޓަނަކޯން ވިދާޅުވި އެވެ.

ޗިއަންގް ރައިގެ ވައިލްޑް ބޯ ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ އެކުދިން ހޮހޮޅާގައި ތާށިވީ، ހޮހޮޅައަށް ވަތް ފަހުން ބޯކޮށް ވާރޭ ވެހި، ހޮހޮޅައިގެ ތެރޭގައި ފެން ބޮޑުވުމުންނެވެ. އަދި ހޮހޮޅާގައި ފެން ނުފޯރާ ގޮތަށް އުސްކޮށް ހުރި ސަރަހައްދެއްގައި އެކުދިންނާއި ކޯޗު ތިއްބާ ފެނުނީ މިދިޔަ ހޯމަ ދުވަހުގަ އެވެ.