14:30


ކަޅުތުއްކަލާކޮށި ކައިރީ ބޮޑުތަކުރުފާނު މަގުގައި މާލޭ މުނިސިޕަލްޓީގެ ކުނި އުފުލާ ލޮރީ އަކާއި ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގައި އެ ދެ ލޮރީ އަށާއި ޕާކުކޮށްފައި އޮތް ޕިކަޕަކަށް ގެއްލުންވެއްޖެ އެވެ.


ފުލުހުން ބުނީ މިއަދު ހެނދުނު އެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި ހުންނަ ލޯކަލް މާރުކޭޓް ކައިރިން ބޮޑުތަކުރުފާނު މަގަށް ނުކުތް މުނިސިޕަލްޓީގެ ކުނިއުފުލާ ލޮރީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ޕާރކްކޮށްފައި އޮތް ތެޔޮލޮރީ އެއް ގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ކުނި އުފުލާ ލޮރީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ކަޅުތުއްކަލާކޮށީގެ ހުޅަނގު ގޯޅިއަށް އެޅި ކުޑަ ޕިކަޕެއްގައި ޖެހި އިތުރަށް ކޮންޓްރޯލް ނުކުރެވިގެން ގޮސް ކަޅުތުއްކަލާކޮށީ ފާރުގައި ޖެހިފައިވާ ކަމަށާއި އަދި ޕާރކްކޮށްފައި އޮތް ތެޔޮލޮރީ ފަހަތަށްގޮސް ޒޯނުގައި ޕާރކްކޮށްފައި އޮތް އެހެން ލޮރީއެއްގައި ޖެހުމުގެ ސަބަބުން އެލޮރީ ފަހަތަށް ގޮސް އިތުރު ލޮރީއެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


މިހާދިސާގައި އެކްސިޑެންޓްވި ދެ ލޮރީއާއި ގޯޅިއަށް އެޅި ޕިކަޕްގެ އިތުރުން ޒޯނުގައި ޕާރކްކޮށްފައި އޮތް ދެލޮރީއާއި ޕިކަޕަށް ވަނީ އެކިވަރުގެ ގެއްލުން ވެފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެގޮތުން ތެޔޮލޮރީގެ ވިންޑްސްކްރީން ތެޅި، ޑީސަލް ޓޭންކް ފަޅައިގެންގޮސް އަދި މުނިސިޕަލްޓީ ލޮރީގެ ވިންޑްސްކްރީން ނެއްޓި، ކަނާތްފަރާތު ދޮރުފަތް އެއްކޮށް މެޅި، ރޭސްޕެޑަލްއާއި ބްރޭކްޕެޑަލް ތާށިވެ އިތުރު ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


މި އެކްސިޑެންޓް ހިނގިއިރު ކުނި އުފުލާ ލޮރީ ދުއްވަން އިނީ ބަންގްލަދޭޝްގެ މީހެއް ކަމަށާއި އަދި އޭނާ ދުއްވަމުން ދިޔައީ ހުސް ލޮރީއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.