10 Jul 2018, 00:41
މޯބައިލް ފޯނު އުފައްދާ އެންމެ ބޮޑު ފެކްޓްރީ ސެމްސަންގުން އިންޑިއާގައި ގާއިމް ކޮށްފިއެވެ.
އިންޑިއާގެ ދިއްލީގެ ނޮއިޑާގައި ގާއިމްކޮށްފައިވާ މި ފެކްޓްރީ ގައި އަހަރަކު 120 މިލިއަން ފޯނު އުފެއްދޭނެ ކަމަށާއި 100 ޑޮލަރަށް ވިއްކާ ފޯނުތަކުން ފެށިގެން ފްލެގްޝިޕް ފޯނުތަކާ ހަމައަށް މި ފެކްޓްރީގައި އުފައްދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.
މި ފެކްޓްރީ ހުޅުއްވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭއިން އެވެ.
އިންޑިއާގައި ސްމާޓު ފޯނު ބޭނުންކުރާ 400 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެ ގައުމުގައި 1.3 ބިލިއަން މީހުން އުޅޭއިރު، މިއީ ދަށް އަދަދެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ސެމްސަންގުން މީގެ ކުރިން ބުނީ އެކުންފުނިން އިންޑިއާގައި އަޅާ ޕްލާންޓަށް ތިން އަހަރު ތެރޭ 49.2 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ. ސެމްސަންގުން މިހާރުވެސް އިންޑިއާގައި ފޯނު އެސެމްބްލް ކުރެއެވެ.
މި ފެކްޓްރީއާއެކު އިންޑިއާގައި ސްމާޓް ފޯނު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން އިންޑިއާގައި ސެމްސަންގަށް އޮތް ތަރުހީބު ފަނޑުވެ ޒިއޯމީ އަށް އޮތް ތާއީދު ވަނީ އިތުރުވެސް ވެފައެވެ. މި ވާދަވެރި ބާޒާރުގައި ސެމްސަންގުން އެޅީ މުހިއްމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާ އިން ބޭރުގައި އުފައްދާ، އެގައުމަށް އިތުރުކުރާ ފޯނުތަކުން 20 ޕަސެންޓުގެ ކަސްޓަމްސް ފީ އެއް ނަގައެވެ. ޒިއޯމީ އިންވެސް އިންޑިއަގއި ފެކްޓްރީ އެއް ހިންގާއިރު ސެމްސަންގާ ޒިއޯމީ އަށް މި ކަމުގެ ސަބަބުން އޮތް ބިރު ވަނީ ކެނޑިފައެވެ. އެޕަލް ފަދަ ހައި އެންޑް މާކެޓް ތަކުގއި ޑިމާންޑު ބޮޑު މަރުކާތަކުންވެސް މިކަމަށް ވިސްނާނެ ކަމަށް ހަބަރުތައް ބުނެއެވެ.