އާންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް އަދި އަލުވީގެ ދެ ޝިޕްމަންޓް ކޮންމެ މަހަކު ވެސް ބާޒާރަށް ގެންނަން އެސްޓީއޯއިން ނިންމާފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ ޖެނެރަލް މެނޭޖާ މާޗެންޑައިޒް، އާދަމް އާޒިމް މިއަދު ވިދާޅުވީ ރޯދަމަސް ނިމުނު ކަމުގައިވިޔަސް އެސްޓީއޯއިން ކޮންމެ މަހަކުވެސް ފިޔާ ބިސް އަދި އަލުވީގެ ދެ ޝިޕްމަންޓް ގެނެސް ބާޒާރަށް ނެރޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އެސްޓީއޯގެ ބޭނުމަކީ އެ ބާވަތްތައް އާންމު ރައްޔިތުންނަށް ހެޔޮއަގުގައު ފޯރުކޮށްދިނުން ކަމަށެވެ.

"އިންޑިއާއިން އެބައުޅޭ ފިޔާ ގެނައުމުގައި ދަތިތަކެއް. އެކަމަކު އަޅުގަނޑުމެން އެހެން ހިސާބުތަކުން ގެނެވޭތޯ މިބަލަނީ. ވަރަށް އަވަހަށް ފުރަތަމަ ޝިޕްމަންޓް އަންނާނެ. އެގޮތަށް ކޮންމެ މަހަކުވެސް މި ބާވަތްތަކުގެ ދެ ޝިޕްމަންޓް ގެނެވޭނެ" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ގެންނަ އާންމު ކާބޯތަކެތީގެ ބޮޑު ބަޔެއް ވިއްކާނީ އެސްޓީއޯގެ ޕާޓްނަޝިޕް ފިހާރަތަކުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ސްޓިކާ ވެސް ވިއްކާނަން އެފަދަ ފިހާރަތަކަށް. މިތަކެތީގެ އިތުރުން އަޅުގަނޑުމެން އެތެރެކުރާ އެހެން ބާވަތްތައް ވެސް އަޅުގަނޑުމެން ވިއްކާ އަގަށް އެބޭފުޅުން ވެސް ވިއްކާނީ،" އާޒިމް ވިދާޅުވި އެވެ.
އިންޑިއާއިން ފިޔާ އެތެރެކުރުމަށް ހުރަސް ތަކެއް އެޅުމާ ގުޅިގެން މިވަގުތު ފިޔާ ކިލޯއެއްގެ އަގު ބާޒާރުގައި ހުރީ 25ރ. އަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ބާޒާރުގައި ހުރީ 15ރ. އަށެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯއިން އެތެރެކުރާ އާންމު ކާބޯތަކެތީގެ އަގު ރޯދަމަހު ވެސް ވިއްކި އަގުގައި ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އިމްޕޯޓް ކުރާ އަގު ބޮޑު ނުވަންޏާ އަޅުގަނޑުމެން މި ބަލަނީ ރޯދަމަހެކޭ އެއްއަގެއްގައި އެތަކެތި ވިއްކޭތޯ،" އާޒިމް ވިދާޅުވި އެވެ.

ރޯދަމަހު އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކީ 250ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ވިއްކި އިރު ބިސްކޭހެއް ވިއްކީ 320ރ. އަށެވެ.