ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ ގަވަނިން ބޯޑް އުވާލުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާހު ވަނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

އެ އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ އެއް ވަނަ މާއްދާގެ (ހ) ގައި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ ގޮތުގައި ވަކި ކުންފުންޏެއް ގާއިމްކޮށް ހިންގަންވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ކުންފުނި އެކުލަވާލުމާއި ހިންގުމުގައި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުހިންމު މަފްހޫމްތަކާއި ސިފަތައް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ހިމެނިފައިނުވާތީ، އެކަންކަން އެ އިސްލާހުގެ ތެރެއިން އިތުރުކޮށް، ޕަބްލިކް ސާވިސް މީޑިއާ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އަދި (އ) އުވާލުމަށެވެ.

އެ ގާނޫގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައިވަނީ:

  • "ގަވަރނިންގ ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން ޙަވާލުކުރެވޭ ފަރާތަށެވެ.

އެ ގާނޫގެ ދެވަނަ މާއްދާގެ (އ) ގައި ބުނެފައިވަނީ:

  • "އިސް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ބާރާއި އިޚްތިޔާރު ޙަވާލުކުރެވޭ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށެވެ.