09 Jul 2018, 23:27
ރާއްޖެގައި ވިޔަފާރިކުރާ ތަންތަނުން މިދާ ވިކުނު އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 56 ޕަސެންޓު އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ ގެ ކުއާޓާލީ ބިޒްނަސް ސާވޭ އިން ދައްކައިފިއެވެ.
އެ ސާވެގެ ނަތީޖާ ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާއަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސޭލްސް ވޮލިއުމް އާއި ސަޕްލަޔަރުންގެ ފަރާތުން ލިބުނު އޯޑަރުގެ ނިސްބަތްވަނީ 62 ޕަސެންޓު އިތުރުވެފައެވެ.
މި ސާވޭއިން ދައްކާގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ތަކެތީގެ އަގަށް ބަދަލު ނާންނަ ކަމަށް 61 ޕަސެންޓު ވިޔަފާރިތަކުން ވަނީ ބުނެފައެވެ.
މި ސާޥޭގެ ނަތީޖާ ދައްކާގޮތުން އަހަރުގެ ދެވަނަ ކުއާޓަރުގައިވެސް ތަކެތި ވިކޭ މިންވަރު އިތުރުވާނެކަމަށް ވިޔަފާރިވެރިން ގަބޫލުކުރެއެވެ. މީގެ އިތުރުން މުދަލަށް އޯޑަރު ލިބޭނެ މިންވަރާއި ސްޓޮކު އިތުރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ތަކެތީގެ އިތުރު ނުވާނެ ކަމަށްވެސް އެ ސާވޭގެ ނަތީޖާ ދައްކައެވެ.
ކުއާޓާލީ ބިޒްނަސް ސާވޭ އަކީ އިގްތިސާދުގެ މުހިއްމު ހަރަކާތްތައް ކުރިއަށްދާގޮތް ބެލުމަށް މަރުކަޒީ ބޭންކުން ކުރިއަށް ގެންދާ ސާވޭ އެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އުފެއްދުންތެރިކަމުގެ ދާއިރާގެ މައުލޫމާތު މި ސާވޭގައި ހޯދައެވެ. މި ސާވޭއަށް މައުލޫމާތު ދެއްވަނީ ރިސޯޓުތަކުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިންނެވެ.