09 Jul 2018, 19:01
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދުއާއި ތ. ތިމަރަފުށި ވާދަކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު މިނެޓުގައި ތިމަރަފުށިން 2-1އަކަށް ނަތީޖާ ބަދަލުކޮށްލި ނަމަވެސް، އެ ގޯލަށް މިނެޓެއްވެސް ނުވަނީސް ފޯކައިދޫން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިއަދުގެ މެޗަށް ނުކުތް އިރު ފޯކައިދޫ އޮތީ ދެ މެޗުން ޕޮއިންޓެއް ހޯދައިފައެވެ. އެގޮތުން އެޓީމުން ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ހިފެހެއްޓި އިރު، ދެވަނަ މެޗުގައި ވިކްޓަރީ އަތުން ބަލިވީ ހަނި ތަފާތަކުންނެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ތިމަރަފުއްޓަށް ކުޅުނު ދެ މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ލީޑު ނަގަން ފުރަތަމަ ފުރުސަތު ލިބުނީ ތިމަރަފުއްޓަށެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ އެޕްސަން ކުއޯސީއަށް ލިބުނު ހަމަލާގައި ފޮނުވާލި ބޯޅަ ދިޔައީ މަޑުމަޑުން ކީޕަރު އަތަށެވެ.
ފުރަތަމަ 20 މިނެޓުގައި އިތުރު ނުރައްކާތެރި ހަމަލާއެއް ފާހަގަކުރެވިފައި ނުވި ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ފޯކައިދުއަށްވެސް ވަނީ ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ފޯކައިދޫގެ ކުރިއަށް ކުޅޭ މުހައްމަދު މުސްލިހުއަށް ލިބުނު ފުރުސަތުގައި އޭނާ ފުރަތަމަ ތިމަރަފުށީގެ ގޯލްކީޕަރު ކައިރިން ނައްޓާލަން އުޅުނު ނަމަވެސް ކީޕަރު ވަނީ ބޯޅައިގައި އަތް ޖައްސާ ދުރަށް ފޮނުވާލައިފައެވެ. އޭގެ ރީބައުންސް ބޯޅަވެސް މުސްލިހުއަށް ލިބުނު އިރު، އޭނާގެ ހަމަލާ ދެވަނަ ފަހަރަށް ދިފާއުކުރީވެސް ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭގެ މިނެޓެއްފަހުން އަނެއްކާވެސް ތިމަރަފުށީގެ ބިދޭސީ ފޯވަޑް އެޕްސަންއަށް އިތުރު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ސާގިބު ހަނީފެވެ.
ފުރަތަމަ ހާފްގައި ތިމަރަފުށީގެ އެޕްސަންއަށް އިތުރު ދެ ފުރުސަތެއްވެސް ލިބި ބޭކާރުވެފައިވާ އިރު، މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ފޯކައިދޫން ލީޑު ނެގިއެވެ. ތިމަރަފުށީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ނައްޓާލުމަށްފަހު ވަރަށް ރީތިކޮށް ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެން ފޯކައިދުއަށް ލީޑު ނަގައިދިނީ މުހައްމަދު ޖައިލަމްއެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން 69 ވަނަ މިނެޓުގައި ތިމަރަފުށިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފޯކައިދޫ އޭރިއާ ބޭރުން އެޕްސަން ތިރިތިރިން ނަގައިދިން ހުރަސް ފަސޭހަކަމާއެކު ގޯލަށް ވައްދާލީ އަހުމަދު މައުރޫފެވެ.
އޭގެ ފަހުން ދެޓީމުންވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އަނެއްކާވެސް ފޯރިގަދަވިއެވެ. އެގޮތުން މެޗުގެ ފަހު މިނެޓުގައި އެޕްސަންގެ ގޯލުން ތިމަރަފުށިން ލީޑުނެގި ނަމަވެސް، އެ ގޯލަށް މިނެޓެއްވެސް ނުވަނީސް، ތިމަރަފުށީގެ ޑިފެންސުން ހެދި ގޯހެއްގެ ބޭނުން ހިފައި ފޯކައިދޫން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ.
ފޯކައިދޫގެ ދެވަނަ ގޯލްވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޖައިލަމްއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.