13 Sep 2011, 14:30
ގދ. ނަޑެއްލާ އިންޖީނުގޭގެ މެނޭޖަރަށް ބަޔަކު ހަމަލާދިނުމާ ގުޅިގެން އެކަމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަވާފައިވާ ކަމަށް ވިދާޅުވެ އެކަން އެރަށު ކައުންސިލުން ކުށްވެރިކޮށްފި އެވެ.
ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ނަޑެއްލާ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނަޑެއްލާ އިންޖީނުގޭގެ މެނޭޖާ އަހުމަދު އަލީ އަށް ބަޔަކު ދިން ހަމަލާއަކީ، އެރަށުގެ ކައުންސިލްގައި ތިއްބަވާ ޑީއާރްޕީ ފަސް ކައުންސިލަރުން ރާއްވަވައި ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ އެމްޑީޕީ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށެވެ.
ނާޒިމާ ހަމަލާދީފައިވާ އެ މައުލޫމާތަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކޮށް ނަޑެއްލާ ކައުންސިލްގެ ފަސް ކައުންސިލަރުން އެ ބަޔާނުގައި ސޮއި ކުރައްވާފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ އެ އަމަލު ހިންގާފައިވަނީ ކައުންސިލްގެ ރައީސް އާ ގުޅުންހުރި މީހެއްކަން އެނގޭ ކަމަށެވެ. އަދި އެއީ ކޮންމެ މީހަކު ކުރި ކަމެއް ނަމަވެސް އެއީ ގޯސް ކަމެއް ކަމަށާއި އެކަމާ ގުޅިގެން ދޮގުވާހަކަތަކެއް ފަތުރަން މަސައްކަތް ނުކުރައްވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ދާއިރާއިން އެފަދަ އެއްވެސް ޢަމަލެއް ހިނގަން ބޭނުންނުވާ ކަމަށެވެ.
ނަޑެއްލާ އިންޖީނުގޭގެ މެނޭޖާ އަހުމަދު އަލީ ވިދާޅުވީ އާދިއްތަ ދުވުގެރޭ 8:15 އެހާކަންހާއިރު ހަތަރު މީހަކު އޭނާއަށް ދިމާކޮށްލި ކަމަށާއި އޭގެ ތެރެއިން އެކަކު އޭނާގެ ބޮލުގައި ޖަހާފައިވާ ކަމަށެވެ.
ބަޔަކު ދިމާކޮށް، އެގޮތަށް ހަމަލާދިނީ ހުކުރު ދުވަހުގެރޭ އެރަށުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ރަށުގެ ތަރައްގީއަށް ކައުންސިލަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށާއި އަދި ކައުންސިލުން އެކުލަވައިލި ތަރައްޤީގެ ޕްލޭންގައި ތާކުންތާކު ޖެހޭ، ބިނާކުރުވަނިވި، އޮއްޓަރުހުރި ކަންތައްތަކެއް ނެތް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ފަހުން ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަލްސާ އަށް ފަހު "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރުގެ ތަފާތު މެސެޖްތަށް އޭނާގެ ފޯނަށް ލިބިފައިވާ ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ އޭނާ އަށް އެރޭ ހަމަލާދީފައި ވަނީ ޑީއާރްޕީގެ އެކްޓިވިސްޓުން ތަކެއް ކަނޑައެޅިގެން އެނގޭ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރި ބަޔަކު އެ ކުރީ އެމްޑީޕީން ދައްކާ ވާހަކަތައް ހަޖަމު ނުކުރެވޭތީ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ.
އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކުރުމަށްފަހު މައުލޫމާތު ސާފުކޮށް ދޫކޮށްލާފަ އެވެ.