09 Jul 2018, 18:04
ދިއްލީ (ޖުލައި 9): އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު އަންހެނަކު ރޭޕްކޮށް މަރާލުމުގައި ބައިވެރިވި ތިން މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
އުމުރުން 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ބަހެއް ތެރޭގައި ރޭޕްކުރުމަށް ފަހު މަރާލި މައްސަލައަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އަދި އޭގެ ސަބަބުން އިންޑިއާގައި ބޮޑެތި މުޒާހަރާތައް ބާއްވައި، ރޭޕް ކުރާ މިހުންނަށް ދޭ އަދަބު ހަރުކަށި ކުރި އެވެ.
އެމައްސަލައިގައި އިންޑިއާގެ ފުލުހުން ހަ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކު ވަނީ ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވެފައި އެވެ.
އަދި ބާކީ ތިބި ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވުމުން، އޭގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް މަރުގެ ހުކުމް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަކީ އޭރު އުމުރުން 17 އަހަރުގެ ކުއްޖެއް ކަމުން އޭނާގެ މައްޗަށް ކުރީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ ޖަލުން ދޫކޮށްލާފައި އެވެ.
އެމައްސަލައިގައި މަރުގެ ހުކުމް ކުރި ތިން މީހަކު ކަމަށްވާ ވިނޭ ޝަރުމާ އާއި ޕަވަން ގުޕްތާ އާއި މުކޭޝް ސިންހު، އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ 2014އިގައި އެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުރި ހުކުމް ދަމަހައްޓަން ނިންމާފައި އެވެ.
އަދި މަރަން ހުކުމްކޮށްފައިވާ ހަތަރު ވަނަ މީހާގެ ވަކީލު ވަނީ އޭނާގެ މައްސަލަ އިސްތިއުނާފު ކުރުމާ ބެހޭ ގޮތުން ވިސްނަމުންދާ ކަމަށް ބުނެފައި އެވެ.
'ނިރްބަޔާ'ގެ ނަން ދީފައިވާ އެދަރިވަރު މަރުވީ 16 ޑިސެމްބަރު 2012ގައި އޭނާއަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭގެ 13 ދުވަސް ފަހުންނެވެ. ހިންދީ ބަހުން ނިރްބަޔާ، އެނަން ރަމްޒުކޮށް ދެނީ ބިރެއް ނެތް، ހިތްވަރުގަދަ އަންހެނެކެވެ.