ސަޢުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އެއްބަސް ވުމުގައި ސޮއިކުރައްވާފައިވަނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ މިއަދު ސޮއިކުރެވޮގެން ދިޔައީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" އެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސައޫދީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލް ޚަތީބެވެ.

ސައޫދީގެ އިންޓީރިއާ މިނިސްޓަރު ވަނީ މިއަދު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އިންޓީރިއާ މިނިސްޓަރާއި އެކު 150 އަށްވުރެ ގިނަ މީހުންގެ ވަފްދެއް ރާއްޖެ ވަޑައިގެންނެވި އިރު އެ ބޭފުޅުންނަށް ވަނީ ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔާފައެވެ.

ރައީސް އޮފީހުން ބުނީ ސައުދީގެ އިންޓީރިއާރ މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގަންނަވާނެ ކަމަށެވެ.