09 Jul 2018, 16:48
އަދާލަތު ޕާޓީގެ ރައީސް ޝައިޙު އިމްރާން އަބްދުﷲ އަށް އެންމެ ހެޔޮއެދޭ މީހަކަށް މި އުޑުދަށުގައި ހުންނާނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ ޝެއިޚް އިމްރާން ކައިިރި އެއްސެވިޔަސް އޭނާ ވަރުގެ ވަފާތެރި ރައްޓެއްސެއް ނެތް ކަމަށް ބުނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
ޝަހީމް ވަނީ އިމްރާނާއި ޝެއިޚް އިލްޔާސް ހުސައިިން އެމަނިކުފާނާ ގުޅެން ދައުވަތު ދެއްވައިފަ އެވެ. ޝަހީމް ވަނީ އޭނާ އިމްރާނާ ބައްދަލު ކުރެއްވި ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ވުރެ ވަކި އިމްރާނަށް ހެޔޮއެދޭ އިންސާނެއް މިއީ އުޑުދަށުގައި ނުހުންނާނެ. ސަތޭކަ ޕަސެންޓް ޔަގީން ކަމާއެކު މި ދަންނަވަނީ. އިމްރާނު ހުންނަން ޖެހޭނީ މިއަދު އަޅުގަނޑާ އެއްކޮށް. އަޅުގަނޑު މި ދަންނަވަނީ އިމްރާނު އަރިހުގައި ޒާތީ ކަމެއް އޮތިއްޔާ ރައީސް ޔާމީނާ ފިލުވާލައި އަޅުގަނޑާއެއްކޮށް ވަޑައިގަންނަވާށޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އޭނާ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ އިމްރާން ބަންދު ކުރެއްވުމާ ގުޅިގެން ކަމަށެވެ. އަދި އެއީ އޭރު ވެސް މިއަދު ވެސް ވަރަށް ލޯބިވާ ވަރަށް ގާތް އަޚެއް ކަމަށެވެ. އިމްރާން ބަންދުކުރުމުން ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވި ކަމަށާއި އިސްތިއުފާ ދެއްވީ އިމްރާނަށް ޓަކައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑާ އެމަނިކުފާނާ [ޝައިޚު އިމްރާނާ] ދެމެދުގައި އޮތް އަޚުވަންތަ ކަމަށް ދުވަހަކު ވެސް ބަދަލެއް ނާދޭ. މިއަދާ ހަމައަކަށް ވެސް ބަދަލެއް ނާދޭ. އަދި ބަދަލެއް ނުވެއް އަންނާނެ.،" ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައި ނުގަތީ ގަބޫލު ނުކުރޭ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން ޝައިޚު އިމްރާނާ ވަކިވެގެން ދިޔައީ ވަރަށް ވަރަށް އިޚުތިރާމާ އެކު ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ޝައިޚު އިމްރާނާ އޭނާއާ ދެމެދު އެއްވެސް ކަހަލަ ސިޔާސީ ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.