ވަފާތެރިކަމުން މިސާލުނެގޭ ވަރުގެ ނައިބު ރައީސަކަށް ވާނެ ކަމަށް ރައީސް ޔާމީންގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ވުމަށް އެދިވަޑައިގެން އެދިވަޑައިގަތުމަކީ ވަރަށް މަތިވެރި އެދިވަޑައިގަތުމެއް ކަމަށެވެ. އެހެންވެ އޭނާ އެކަން ގާބޫލުކުރެއްވީ "އެއްވެސް ޝަރުތެއް ނެތި" ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު އެކަން ގަބޫލުކުރީ ދިވެހިރާއްޖޭގައި ތިއްބެވި އާލިމުންގެ ތެރެއިން އަޅުގަނޑު އެބައެއްގެ ތަގުވާވެރިކަމާއި އިލްމުވެރިކަމުގެ މައްޗަށް އިތުބާރުކުރާ އެތައް ބޭފުޅުންނާ މަޝްވަރާ ކޮށްފައި." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އޭނާއަކީ މީގެ ކުރިން ނައިބު ރައީސަކަށް ވާން ޝައުގުވެރިކަން ހުރި މީހެއް ނޫން ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ އިސްލާމީ އުސޫލަކީ އެމީހަކު އެއަށް ދަހިވެތިވެގެން ނެތް ކަމެއް އެމީހަކާ ހަމައަށް އަތުވެއްޖެ ނަމަ މުސްލިމުންގެ މަޝްވަރާއާ އެކު އެކަން ގަބޫލުކޮށްފި ނަމަ ﷲ އެކަމެއްގައި އެމީހަކަށް ތައުފީގު ދެއްވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ. އެއީ އިސްލާމީ ކަންތައްތައް ގާއިމްކުރުގައި މިހާތަނަށް އޭނާ އަށް ވެދީފައިވާ އެހީތެރިކަމަށް ބިނާކޮށް ކުރައްވާ އިތުބާރެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ވަފާތެރި މީހެއްގެ ގޮތުގައި އަޅުގަނޑު ހުންނާނީ. ތިޔަބޭފުޅުން ހެކިވެ ވަޑައިގަންނަވާ އިންޝާ ﷲ އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އަޅުގަނޑު ވެގެންދާނެ ދިވެހިރާއްޖޭގެ ތާރީހުގައި އެމީހެއްގެ ވަފާތެރިކަމުގެ ވާހަކައިން މިސާލުނެގޭ ނައިބު ރައީސަކަަށް،" ޝަހީމް ވިދާޅުވި އެވެ.

އަދި އެހެން ބަޔަކު އޭނާގެ ބޮލުގައި ބޮޑު ތުހުމަތެއް އެޅިއްވިޔަސް ރައީސް ޔާމީން އޭނާ ހިމާޔަތް ކުރައްވާނެ ކަމަށް ޔަގީން ކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ތަކުރާރުކޮށް ޝަހީމް ވިދާޅުވި އެވެ. އަދި މިހާތަނަށް ރައީސް ޔާމީނާ އެކު މަޝްވަރާ ކުރެވުނު ކަންތައްތަކަށް ބަލާ އިރު އޭނާއަށް ޔަގީންކަން ދެއްވި ކަންކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ދެއްވި ކަމަށް ޝަހީމު ވިދާޅުވި އެވެ.

މިގައުގައި ހާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސުންނާ މެދު ކަން ހިނގާފައިވާ ގޮތަށް ކަން ހިނގައިފާނެ ކަމަށް ގަބޫލު ކުރެވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ޝަހީމު ވިދާޅުވީ އެފަދައިން ކަން ނުހިނގާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮތް ކަމަށެވެ.

"އަޅުގަނޑުގެ ޓީމެއް ނޯންނާނެ. ވީޕީ ޓީމެއް ނޯންނާނެ. ރައީސުލްޖުމްހޫރިއްޔާގެ ޓީމަކީ ވައިސް ޕްރެސިޑެންޓްގެ ވެސް ޓީމު. އަޅުގަނޑުގެ ވަޒީރުންނެއް ނުތިބޭނެ. އަޅުގަނޑުގެ އެމްޕީންނެއް ނުތިބޭނެ. އެހެންވީމާ އަޅުގަނޑަށް ޔަގީނެއް ނޫންތޯ އަޅުގަނޑަށް އެއިން ފިލާވަޅު ލިބިގަންނަން ޖެހޭ ފަދަ ހިތާމަވެރި ހާދިސާއެއް އަޅުގަނޑަށް ކުރިމަތި ނުވާނެ ކަން،" ޝަހީމު ވިދާޅުވި އެވެ.