ކޭޕް ޓައުން (ޖުލައި 9): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާގެ ދަރިކަލުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި އެވެ.

ޑުޑުޒާނޭ ޒޫމާގެ މައްޗަށް ކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު، އެމްސީބިސީ ޖޯނަސްއަށް ރިޝްވަތު ދޭން މަސައްކަތް ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

އެއީ ދެކުނު އެފްރިކާގައި ބާރުގަދަ އާއިލާއެއް ކަމަށްވާ ގުޕްތާ އާއިލާއިން، ރައީސް ޖެކަބް ޒޫމާ މެދުވެރިކޮށް އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރި ކަމަށް ބުނެ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރި ތުހުމަތުތަކެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޖޯނަސް ވަނީ އޭނާއަށް ރިޝްވަތު ދޭން މަސައްކަތް ކުރި މީހުންގެ ތެރޭގައި ޑުޑުޒާނޭ ޒޫމާގެ އިތުރުން އަޖޭ ގުޕްތާ ވެސް ހިމެނޭ ކަމަށް ބުނެފައި އެވެ. އަދި އެމީހުންނަށް އެއްބާރުލުން ދިނުމުގެ ބަދަލެއްގެ ގޮތުން ޖޯނަސްއަށް ފިނޭންސް މިނިސްޓަރު ކަމާއި 44 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނި ކަމަށް ޖޯނަސް ހާމަ ކުރި އެވެ.

ޒޫމާގެ މައްޗަށް ދައުވާ ކުރުމަށް ފަހު މިއަދު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި އެވެ. އަދި އެ މައްސަލަ ބެލުން އަންނަ އަހަރުގެ ޖެނުއަރީ މަހަށް ލަސްކޮށްފައިވީ ނަމަވެސް ކޯޓުން ވަނީ އެނާގެ ޕާސްޕޯޓު އަތުލާފައި އެވެ. (ބީބީސީ)